މަތީ ތައުލީމުގެ ލޯނުތަކަށް 2022ގެ ނިޔަލަށް 191 މިލިއަން ނުލިބޭ، ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް

މަތީ ތައުލީމުގެ ލޯނުތަކަށް 2022ގެ ނިޔަލަށް 191 މިލިއަން ނުލިބި ހުރި ކަމަށާއި އެ ފައިސާ ހޯދަން މާލިއްޔަތު ގަވައިދާ އެއްގޮތަށް މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ. އޮޑިޓު އޮފީހުން މިއަދު ވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ، މަތީ ތައުލީމު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2022ގެ ނިޔަލަށް ޖުމުލަ 3.1 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 2.99 ބިލިއަން ރުފިޔާގެ ލޯނުތައް ބަލަހައްޓަނީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮޓޯރިޓީ (މީރާ)އާއި ބޭންކް އޮފް ސިލޯނުންނެވެ. އެއީ، ފިނޭންސް މިނިސްޓްރީއާ އެ އިދާރާތަކާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ. އޮޑިޓް ރިޕޯޓުގައިވަނީ، ލޯނުތަކުގެ ދަށުން ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ އިދާރާތަކުން ކުރާ ގޮތަށް ފަހުމުނާމާތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބާކީ 134 މިލިއަން ރުފިޔާއަކީ މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ލޯނުތައް ކަމަށް ރިޕޯޓުގައިވެއެވެ. އޮޑިޓް އޮފީހުން ބުނެފައިވަނީ، ލޯނު ސްކީމްގެ ދަށުން އަނބުރާ ދައްކަން ޖެހޭ މުއްދަތު ހަމަވުމާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް 651 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2022ގެ ނިޔަލަށް 190 މިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަމަށެވެ. މަތީ ތައުލީމުގެ ލޯނުތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފުސީލް -- އެ ރިޕޯޓުގައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި، ދައުލަތުގެ އޮފީސްތަކަށް ލިބެން ޖެހޭ ފައިސާ ދެއްކުމަށް އެ ގަވައިދުގައި ކަނޑަަޅައިފައިވާ މުހުލަތުގައި ފައިސާ ނުދައްކައިފިނަމަ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަން ޖެހޭ ފަރާތަކަށް ލިޔުން ފޮނުވުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުލިބިއްޖެނަމަ، އިތުރު ހަތް ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމުން އެންގުމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެއަށްފަހު ވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ޝަރޫއަތުން އެ ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދައްކާނަމަ، އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެ ފައިސާއާމެދު ވަކި ގޮތަކަށް ނިންމުމަށް ބަޔާންކޮށްފައިވާ ކަމަށް ގަވައިދުގައިވެއެވެ. އެހެންނަމަވެސް 2022ގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ލިބެންޖެހޭ ފައިސާގެ ގޮތުގައި ދައްކާ 190 މިލިއަން ރުފިޔާގެ ތެރެއިން ސީދާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް ލިބެން ޖެހޭ 81 މިލިއަން ރުފިޔާ ހޯދުމަށް މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަވާ ކަމަށް އޮޑިޓުގައިވެއެވެ. "އަދި މިއީ މިނިސްޓްރީން ދޫކޮށްފައިވާ ލޯނުތަކުގެ 60 ޕަސެންޓްކަން ފާހަގަކުރަމެވެ." އޮޑިޓް ރިޕޯޓުގައިވެއެވެ. އެ މައްސަލަތައް ހައްލުކުރުމަށް އޮޑިޓް އޮފީހުން ދިން ލަފާތަކުގެ ތެރޭގައި ވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެ އޮފީހެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކުރުމަށައި، މާލީ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ އާމްދަނީއާއި އެ ނޫން ގޮތްގޮތުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފުސީލު ހިމެނުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އެ ގަވައިދާ އެއްގޮތްވާ ގޮތަށް، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާގެ ހިސާބު ރިކޯޑުކޮށް ބެލެހެއްޓުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ. "އެގޮތުން ސްކޮލާޝިޕް ދޭ ދަރިވަރުންގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ފައިސާ ދައްކަން ޖެހޭ ދަރިވަަރުންގެ ތަފުސީލު އެނގޭނެ ގޮތަށް ޑޭޓާބޭސް އެއްގައި ބެލެހެއްޓުމަށް ދަންނަވަމެވެ. އޮޑިޓް ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ހިމަނައިފައިވާއިރު، އެ ބަޔާނުން ދައްކާ ގޮތުގައި މިނިސްޓްރީއަށް 661 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، އެ އަހަރު 660 މިލިއަން ޚަރަދުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ