މަސްވެރިކަމަށް ޒުވާނުން ނެރުމަށް، އެލަވަންސް ލިބޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި ކުރި އިއުލާނެއްގައި ވަނީ މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް، ކަމާގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ފަށާ ޕްރޮގްރާމެއް ކަމަށެވެ. ފިޝަރީޒް މިނިސްްޓްރީން މައުލޫމާތުދިން ގޮތުގައި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު * މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން* އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން.* ފިޝަރީސް މިނިސްޓްރީގެ މަސްވެރިންގެ ދަފުތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން. ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ހަމަޖެހިފައިވާ އުސޫލަކުން ދުވަހު އެލަވަންސެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދެއް ހާމަކޮށްފައިނުވެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. އަދި 18 އަހަރުން ދަށުގެ ޒުވާނެއް ނަމަ، ބެލެނިވެރިޔާގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރުމަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އިއުލާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ