ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ވޯޓު ނެގުމަށް އެކަށީގެންވާ ވަގުތު ނުދިނުމުން ހަތަރު ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕްރޮޓެކްޓް ތިމާވެށި، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އަދި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫ އާންމު ވޯޓަށް އެކަށީގެންވާ ވަގުތު ނުދިނުމުން، ވޯޓު ނެގުމުގެ އިންސާފުވެރިކަމާއި، ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދިޔުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ހުރިހާ އެންމެންގެ ބައިވެރިވުން ހޯދުމާ ގުޅޭގޮތުން ކަންބޮޑުވާ ކަމަށެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި މި މަހު 25 ގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.
އާންމު ވޯޓު ނެގުމަށް އިއުލާނު ކުރުމާއި ވޯޓުލާ ތާރީހާ މެދެދު 19 ދުވަހުގެ މުއްދަތަކީ ވޯޓު ނެގުމުގެ މަގްސަދާއި، ވޯޓުގެ ނަތީޖާއިން އަންނާނެ ބަދަލުތަކާއި، ވޯޓުގެ ނަތީޖާގެ ސަބަބުން މުސްތަގުބަލަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.
"ވަކިން ހާއްސަކޮށް ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރަކުން ވަކި ސަރަހައްދެއްގައި ވޯޓުލުމަށް ފެންނަ ހާލަތްތަކުގައި ރެފެރަންޑަމް އިއުލާންކުރާ ދުވަހާއި ވޯޓުލާ ދުވަހާއި ދެމެދު އޮންނަ މުއްދަތު ކުރުކުރުމަށް އޮންނަ ފުޅާ އިހްތިޔާރާމެދު ކަންބޮޑުވުން ފާޅުކުރަން،" އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޖަމިއްޔާތަކުން ބުނީ އާންމު ވޯޓަކީ މިހާރު އައްޑޫ ސިޓީގެ ހިންގުމާއި އިދާރީ އޮނިގަނޑާއި ރައްޔިތުން ތަމްސީލްކުރާނެ ގޮތާއި، ވަސީލަތްތައް ބެހިގެންދާ ގޮތާއި، މާލީ އިންތިޒާމުތައް އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑު ބަދަލުތަކެއް އަންނާނެ ވޯޓެއް ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ވަކި ދާއިރާތަކަށް އާންމު ވޯޓުގައި ވޯޓުލުން ހަނިކޮށްފައި އޮތުމުން ވެސް ޖަމިއްޔާތަކުން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އާންމު ވޯޓުގެ ނަތީޖާއިން މުޅި އައްޑޫ އަތޮޅުގެ ހިންގުމާއި އިދާރީ ކަންކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ނަމަވެސް، ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުން އިސްތިސްނާކުރުމަށް ނިންމާފައިވާ ނިންމުމާއި އެކަމަށް އެކަށީގެންވާ ސަބަބުތަކެއް ނުދެއްކުމުން، އިންސާފުވެރިކަމާއި، ހުރިހާ ފަރާތްތަކެއް ހިމެނުމާއި، އަދި އަސަރުކުރާނެ މުޖުތަމައުއަކާއެކު މާނަހުރި މަޝްވަރާގެ މަރުހަލާއެއް ނެތްކަމާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ،" ޖަމިއްޔާތަކުން ބުންޏެވެ.
މީގެއިތުރުން ވޯޓުލުމަށް މާލެ އާއި އައްޑޫގައި ވޯޓުފޮށި ބަހައްތަން ނިންމާފައި އޮތުމުގެ ސަބަބުން، އެހެން އަތޮޅުތަކާއި ރިސޯޓުތަކާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބި، ވޯޓުލާ އާބާދީގެ ގިނަ ބަޔަކު ވޯޓުލުމުގެ މަރުހަލާއިން ބާކީވެގެންދާތީވެސް ޖަމިއްޔާތަކުން ފާހަގަކުރި އެވެ.
ޖަމިއްޔާތަކުން ބުނީ ރައްޔިތުންނަށް އެކަށީގެންވާ ވަގުތުދީ، މައުލޫމާތު ލިބޭނެ މަގުފަހިކޮށްދީ، އާންމު ދިރިއުޅުމަށް ސީދާ އަސަރުކުރާ ނިންމުންތަކުގައި މާނަހުރި ގޮތެއްގައި ބައިވެރިވުމަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އައްޑޫ އާންމު ވޯޓަށް އެކަށީގެންވާ ވަގުތު ނުދިނުމުން ކަންބޮޑުވުން ފާޅުކޮށްފި އައްޑޫ އާންމު ވޯޓަށް އެކަށީގެންވާ ވަގުތު ނުދިނުމުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ