ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަށް ވަޒީފާ ދޭންވާނީ ވޯޓު ދޭނެ ބޮޑެތި އާއިލާތަކަށް އެކަނި ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ރޭ ވިދާޅުވެއްޖެ އެވެ.
ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އައިބީ ވިދާޅުވީ ރަށުން ވަޒީފާއެއް ދޭއިރު މި ވަގުތު ވަކިވަކި މީހުންނަށް ވަޒީފާ ނުދީ އެ މީހުންނަށް އިންތިހާބަށް ފަހު ވަޒީފާތައް ދިނުމަށް މުއިއްޒު އަންގާފައިވާ ކަމަށެވެ.
"ވަޒީފާގެ ވާހަކަ ދެއްކީމަ ރައީސް ވިދާޅުވި ވާހަކައެއް މި ބުނަނީ. އަޅުގަނޑުމެން ވެސް ވަރަށް ވިސްނަން ޖެހޭނެ މި ރަށުން ވެސް ވަޒީފާއެއް ދޭން ވާހަކަ ދައްކާއިރު. ވިދާޅުވީ ފަހުން ވަޒީފާތައް ދޭނީއޭ ތިބުނާ މީސްމީހުންނަށް. މިހާރު މިއޮތީ އިންތިހާބު ބޯމަތިވެފައޭ. މިހާރު އަހަރުމެން ކައިރިއަށް އައިސް ވަޒީފާއަށް ނުބުނައްޗޭ އެކަކު ވެސް. ސިންގަލް މީހެއްގެ ވާހަކަ،" އައިބީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވަގުތު ވަޒީފާ ދޭން މުއިއްޒު އަންގާފައި ވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ވަޒީފާ ދިނުމަށް ކަމަށެވެ.
މި ވަގުތު ނުފޫޒު ނުފޯރުވޭވަރުގެ މީހުންނަށް ރަށުން ވަޒީފާ ދިނުމުން އެ މީހަކަށް އިތުރު ވޯޓެއް ވެސް ނުހޯދި، ބޭކާރު ވަޒީފާއަކަށް ވެގެންދާނެ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.
"އެ މީހަކަށް ވަޒީފާއެއް ދޭ މީހެއްގެ ވަށައިގެން އަހަރުމެން ކުރަން މި އުޅޭ މަސައްކަތުގެ ޓީމެއް އޮންނަން ޖެހޭނެއޭ. އޭނަގެ މުޅި އާއިލާ މީހުންނާއި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާނެ ވަރުގެ ވަރުގަދަ މީހުންނަށް ކަންތައްތައް ކޮށްދޭށޭ މިދަނޑިވަޅުގައި،" އައިބީ ވިދާޅުވި އެވެ.
"އަހަރުމެން ބޮޑު ސިންގާ ވަޒީފާއެއް ދިނީމަ އެ މީހާ ޖަސްޓް ގިނިކަންޏާއޭ މި އަންނަނީ އަހަރުމެން ކައިރިއަށް. އެހެން ކަމަކު ނުދާނެއޭ. ގޭގޭގައި އެކަހަލަ އާއިލާތައް އެބައެއްގެ ކުއްޖަކަށް ވަޒީފާއެއް ދިނީމަ މުޅި އާއިލާ ސަރުކާރާއެއްކޮށް މަސައްކަތްކުރާ. އަދި އެހެން ޕާޓީގައި ތިބިއްޔާ ޕާޓީއަށް ވަދެގެން މަސައްކަތްކުރާ. އެހެން ނަހަދާ ކިހިނެއްހޭ އިންތިހާބުތައް ކާމިޔާބުކުރާނީ."
އައިބީގެ އިތުރުން އޭނާގެ ދަރިކަލުން ހޯމް މިނިސްޓަރު، އަލީ އިހުސާން އަންނަނީ އާންމު ވޯޓާ ގުޅިގެން ފޭދޫގެ އެކި ރައްޔިތުންނާ ބައްދަލުކުރައްވައި މި މަހު 25 ގައި އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ބާއްވާ ވޯޓަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މި ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާޏެ ކަމަށެވެ. ނަމަވެސް އެ ސްޓޭންޑާ ހިލާފަށް ވޯޓާ ދިމާކޮށް ވަޒީފާ ދޭން މުއިއްޒު އެންގިކަން މިވަނީ ހާމަވެފަ އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އައްޑޫ އާންމު ވޯޓު ނަގަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި މި މަހު 25 ގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓަސް ލިސްޓުގައިވާ ގޮތުން، މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.
އިންތިހާބާ ދިމާކޮށް ވަޒީފާ ދޭންވާނީ ވޯޓު ލިބޭނެ ބޮޑެތި އާއިލާތަކަށް ކަމަށް މުއިއްޒު އޮތީ އަންގަވާފައި: އައިބީ އިންތިހާބާ ދިމާކޮށް ވަޒީފާ ދޭންވާނީ ވޯޓު ލިބޭނެ ބޮޑެތި އާއިލާތަކަށް ކަމަށް މުއިއްޒު އޮތީ އަންގަވާފައި: އައިބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ