ޕީއެންސީގެ ނިޒާރު އެދެނީ އައްޑޫގެ ރަށްތައް އެކީ އޮންނަން ޕީއެންސީގެ ނިޒާރު އެދެނީ އައްޑޫގެ ރަށްތައް އެކީ އޮންނަން

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ ރަށު ކައުންސިލުތަކެއް އުފައްދަން އައްޑޫގެ ތިން ރަށެއްގައި ނަގާ ވޯޓުގައި، ހަ ރަށް ގުޅިގެން އުފައްދާފައިވާ ކައުންސިލު ރޫޅެން ނޭދޭ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލު ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ މިހެން ވިދާޅުވީ، ފޭދޫގައި ރަށު ކައުންސިލެއް އޮތުމަށް ފެންނަ ކަމަށް ބުނާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއެއްގައި އޭނާގެ ސޮއި އޮތް ސަބަބު ސާފުކޮށްދެއްވަމުންނެވެ.
އެ ގޮތުން ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލު އެކުލެވިފައި އޮތް ބަދަލުކުރުމަށް އެދި ފޮނުވި ސިޓީގައި އޭނާ ސޮއިކުރެއްވީ އޭރު އޭނާއަށް ލިބިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ ކަމަށެވެ. ނަމަވެސް އެ ފަހުން ކުރި މަސައްކަތުން އޭނާގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އެ ފަހުން މިވީ އެއް އަހަރު ދުވަހު ކުރި މަސައްކަތުން އެ ލިޔުންތަކުން ފެނުނީ މުޅީން ހަގީގަތް ނޫން ކަމާއި އަދި އައްޑޫ ސިޓީ މިހާރު އެކުލެވިފައި އޮތް ގޮތް ބަދަލު ވީމައި އޭގެން ލިބޭނެ ކުރިއެރުމާއި، ލިބޭ ނިކިމަތިކެން އަދި ފަހުން ފެންމަތި ވެދާނެ ގިނަ ކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑު ވަނީ "ގުޅިފައިވާ އަވަށްތައް" އެކީ އޮންނަން އަޅުގަނޑަށް ފެންނަ ކަމަށް ދަންނަވާފައި،" އައްޑޫ ބަހުރުވައިން ކުރި ޕޯސްޓުގައި ނިޒާރު ލިޔުއްވާފައިވެ އެވެ.
މެންބަރުގެ ވިސްނުން މިހެން ހުރި ނަމަވެސް އޭނާ ވަނީ ރައްޔިތުން ނިންމާ ގޮތަކަށް އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
އައްޑޫ ސިޓީގައި އަންނަ ހަފުތާ ބަންދުގައި ނަގާ ވޯޓަކީ، މިހާރު އައްޑޫ ސިޓީގެ އަވަށްތަކެއްގެ ގޮތުގައި އޮތް ފޭދޭ އާއި ހުޅުދޫ އާއި މީދޫގައި ވަކި ރަށު ކައުންސިލުތަކެއް އުފައްދަން އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެކެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ވޯޓު ނަގަނީ، މި ކަމަށް އެދި އެ ތިން ރަށުގެ ރައްޔިތުންގެ ހުށަހެޅުންތައް ލިބެމުންދާތީ އެވެ. މި ރައްޔިތުންގެ ފަރާތުން ލިބިފައިވާ ހުށަހެޅުންތައް ކަމަށް ބުނެ މިކަމަށް ހުރި ހުއްޖަތުތައް ވެސް މި ވޯޓު ނަގާ ސަބަބު ބަޔާންކޮށް ނެރުނު މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ވެ އެވެ.
އޭގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުން އާންމު ހިދުމަތްތައް ހޯދަން ހިތަދުއަށް ދިގު، އަގު ބޮޑު ދަތުރުތައް ކުރަން ޖެހުމާއި ހިތަދޫގައި ހިިދުމަތްތައް މަރުކަޒުވެފައި އޮތުމުން ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ދުރުގައި އޮންނަ ފޭދޫގެ ރައްޔިތުންނަށް އުނދަގޫ ވުން ފަދަ ކަންކަން ހިމަނާފައި ހުއްޓެވެ.
މިކަމުގައި ސަރުކާރުން ބުނަނީ ރަސްމީ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. މިހެން ނަމަވެސް މި ސަރުކާރުގައި ނުފޫޒުގަދަ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕީއެންސީއަށް ނިސްބަތްވާ ފޭދޭ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެންދަވަނީ ވަކިވާން ވޯޓު ހޯދަން ކެމްޕެއިން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ