ފުލުހުންނަށް ހުރަސް އެޅި ފުލުސް މީހާ: ނުނިދާ ހުރުމުން ހުރީ "ހަމައިގައެއް ނޫން"

މާރާމާރީއެއްގެ މައްސަލައިގައި ހައްޔަރުކުރަން އުޅުނުމުން ފުލުހުންނަށް ހުރަސް އެޅި ފުލުހަކު ހައްޔަރުކޮށްފައިވާއިރު, އެކަން ހިނގިއިރު ގިނަ އިރުތަކެއް ވަންދެން ނުނިދާ ހުރުމުން އޭނާ ހުރީ ''ހަމައިގައެއް ނޫން" ކަމަށް އެ ފުލުސް މީހާ ކޯޓުގައި ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ, މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅި ކަމަށެވެ. https://www.sun.mv/214958 ފުލުހުން އިއްޔެ ބުނީ އޭނާ ވަނީ އެ މާރާމާރީ ހިންގި ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށެވެ. އޭނާ ފުލުހުންގެ ބަންދުގައި ހުއްޓާ ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އަދި, ހޮސްޕިޓަލުގައި އޭނާ އޮއްވައި ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހު އަމުރުކޮށްފައެވެ. އެހެންކަމުން އިއްޔެ ވަނީ ޢަލީ މަނިކުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. ކޯޓުގައި ޢަލީ މަނިކު ބުނެފައިވަނީ އޭނާއަކީ ކުރިން ވެސް އެ ސެލޫނަށް ދާ މީހެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުން އެ ދުވަހު ހުރީ "ހަމައިގައި ނޫން" ކަމަށެވެ. އޭނާގެ މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނެފައިވަނީ ޢަލީ މަނިކު އެ ސެލޫނުގެ ބައެއް ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ފުލުހުން އޭނާ ހުއްޓުވަން އުޅުމުން ގަދަ ދައްކައި, އަމުރަށް ނުކިޔަމަންތެރިވުމުން ފުލުހަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. ޢަލީ މަނިކުގެ މި މައްސަލަ ފިޔަވާ އިތުރު ކުށުގެ ރިކޯޑެއް ނެތެވެ. އަދި، އޭނާ ވަކީލެއްގެ ފުރުސަތަށް އެދުމުން އެ ފުރުސަތު ދޭން ވަނީ ނިންމައިފައެވެ. ނަމަވެސް، އެ ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ