ނުތާހިރުކޮށް ކާއެއްޗެހި ބަންދުކުރާ ތަނެއް ފާސްކޮށް 18 ބިދޭސީއަކު އަތުލައިގެންފި

ސާފުތާހިރު ކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ބަންދުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސިންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ސާފުތާހިރުކަން ކުޑަކޮށް ހުރި ކުޑަ ޖާގައެއްގައި ކުދި ޕެކެޓުތަކުގައި ލުއިކާނާ ބަންދުކޮށް ކަރުދާހު ފޮށިތަކުގައި ބަހައްޓާފައި ހުންނަ ތަނެވެ. މީގެ އިތުރުން ފާހާނާކަމަށް ބެލެވޭ ތަނުގައި ކެއްކޭ ގޮތަށް އުނދުން ބަހައްޓާފައި ހުންނަ ތަން ވެސް ފެނެ އެވެ.
ތަފްސީލް - އިމިގްރޭޝަނުން ބުނީ ޓާސްކްފޯހުން ރޭ ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލޭ ދިލްކުޝާގޯޅީގައި ކަމަށެވެ.
އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު އެ ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ފާހަގަ ކުރެވޭ - ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ މީހުން ޑީޕޯޓު ވެސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ