މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު
މި މަހުގެ ފުރަތަމަ ހަފުތާގައި އެކި ސްކޭމްތަކުގައި އެކަނި ވެސް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ، މީހުން އަތުން ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެންބަރު މަހުގެ 30އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 48 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމުލަ 546،090 ރުފިޔާ ގެއްލިފައިވާ ކަމަށާއި، އެ ހަފުތާގެ ތެރޭ އަނބުރާ ހޯދުނީ 180،109 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފުތާގައި ގިނައީ ކާކުކަން އޮޅުވާލައިގެން ކޮށްފައިވާ ސްކޭމްތަކެވެ. އެ ގޮތުން، އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 18 މައްސަލައެއް ފުލުހުންނަށް އެ ހަފުތާގައި ހުށަހެޅިއިރު، އޮންލައިން ވިޔަފާރިތަކުގެ ނަމުގައި ކުރި 15 ސްކޭމަކާ ލިންކުތައް މެދުވެރިކޮށް ސްކޭމްކުރި ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ. ފުލުހުން ވަނީ ރައްޓެއްސެއް ނޫނީ ގާތްތިމާގެ މީހެއް ޒާތީ މައުލޫމާތަކަށް އެދިއްޖެ ނަމަ، އެއީ އެ މީހާތޯ ކަށަވަރުކުރުމަށާއި، އެއްވެސް ހާލެއްގައި ޕިން ނަންބަރު ނުވަތަ އޯޓީޕީ ނަންބަރު ހިއްސާނުކުރަން އެދިފައެވެ. ހަމަ އެހެންމެ، ގޮތްނޭނގޭ އޮންލައިން ވިޔަފާރިތަކުން އެއްޗެހި ނުގަތުމަށާއި، އެކިއެކި ލިންކުތަކަށް ނުދިއުމަށް ވެސް ފުލުހުން އެދިފައިވެއެވެ. https://sun.mv/214977 ފާހަގަކުރެވޭ ގޮތުގައި ފުލުހުން ވަނީ މީހެއްގެ ވައިބާ އެކައުންޓެއް ހެކުކޮށް އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައި، މަކަރާއި ހީލަތުން އެކި ފަހަރުމަތިން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެކަކު ހައްޔަރުކޮށް، ހޮނިހިރު ދުވަހު ވެސް އިތުރު މީހަކު ހައްޔަރުކޮށްފައެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހު ވެސް ސްކޭމްގެ 164 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. އެ މައްސަލަތަކުގައި 1.52 މިލިއަން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން 387،971 ރުފިޔާ ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ