އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އައްޑޫ ސިޓީއިން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ މައި އިންޖީނުގޭގައި ހުރި އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އައްޑޫ ސިޓީއިން ކަރަންޓު ކެނޑިއްޖެއެވެ. އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސިޓީގެ އެކި އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލައެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އައްޑޫގެ ފެނަކަ ބްރާންޗުން ވައިބާގައި ހިއްސާކުރި މެސެޖެއްގައި ބުނީ، ކަރަންޓު ކެނޑުނީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އިންޖީނުގެ އެއްކޮށް ޑައުން ވުމުގެ ސަބަބުން ކަމަށެވެ. އިންޖީނުގެ ލައިވްކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް، އައްޑޫގެ ފެނަކަ ބްރާންޗުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި އައްޑުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި ވަނީ މިއަދާ ހަމައަށް އައްޑުއަށް އަށް ޖެންސެޓް ގެންދިޔަ ނަމަވެސް، މުޅިން ހިތްހަމަޖެހޭ ހައްލެއް އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ނުލިބޭ ކަމަށް ވިދާޅުވެފައެވެ. https://sun.mv/213557 އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޅި އައްޑޫން ގާތްގަނޑަކަށް 16 މެގަވޮޓްގެ ކަރަންޓު ބޭނުންކުރަންޖެހެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަކިން ކަރަންޓު ފޯރުކޮށްދޭން ޖެހޭނެތީ، އެފަދަ ކަންކަމަށް ބަލައި އައްޑޫގެ ކަރަންޓު މައްސަލަ ވަށައިޖެހޭ ގޮތަކަށް ހައްލުވާން ޖެހެއެވެ. އެހެންކަމުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ ފަންނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވެ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ބަޔަކާ ހަވާލުކޮށް ޖަނަރޭޓަރުތަކާއި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ