ބޭސްފަރުވާއަށް ސަލާން ޖެހުން އިތުރުވެ، ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ހިނގެއްޖެ: އައްބާސް ބޭސްފަރުވާއަށް ސަލާން ޖެހުން އިތުރުވެ، ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ހިނގެއްޖެ: އައްބާސް

ސިއްހީ ދާއިރާއިން ލިބެމުންދިޔަ އެތައް ހިދުމަތެއް ހުއްޓި، ބޭސްފަރުވާ އަށް ސަލާން ޖެހުން އިތުރުވެ, "ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ގޮސްފި" ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިން އާސަންދައިން ލިބުނު އެތައް ބޭހެެއް މިހާރު ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތަކުން އާންމު ބޭސްތައް ކުރިން ލިބުނު ނަމަވެސް މިހާރު ލިބުން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކުރެވޭ ބޭސްފަރުވާ އަށް އާސަންދަ ނުލިބޭއިރު، އެފަދަ ސާޖަރީއެއް ރާއްޖޭގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ތަނަކުން ހަދައިފި ނަމަ، ހަރަދުގެ ބޮޑު ބައެއް އަމިއްލަ އަތުން ދައްކަންޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"މީގެ ސަބަބުން މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ލިބެމުންދިޔަ އެތަކެއް ހިދުމަތްތަކެއް ހުއްޓި މިހާރު ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖެހުން އިތުރުވެ، ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ގޮސްފައިވަނީ،" އޭނާ ވިދާޅުވި އެވެ.
މި ހާލަތަށް ރާއްޖެ ދިޔައިރު ވެސް އެ ކަންކަން ހައްލު ނުކޮށް ބޮޑު ވަފުދެއް ގޮވައިގެން ރައީސް މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާތީ އައްބާސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އަޅުގަނޑު އެދެނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މުޅި ކެބިނެޓާއި ކުންފުނިތަކުގެ ވެރިން ގޮވައިގެން ސިޔާސީ ބޭނުމަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރައްވައިގެން އިސްރާފު ދަތުރުތައް ކުރެެއްވުން މިހާރުން މިހާރައް ހުއްޓާލެއްވުން،" އައްބާސް ވިދާޅުވި އެވެ.
މުއިއްޒު ރާއްޖޭން ބޭރަށާއި ރަށްރަށަށް ގިނަ ދަތުރުތަކެއް ދަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުގެ ހަރަދު ހާމަ ކުރައްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ރަށްރަށަށް މިހާރު ކުރައްވާ ދަތުރުތަކުގެ މައިގަނޑު އެއް ހަރަކާތަކީ ބީއެމްއެލްގެ އޭޓީއެމް ހުޅުވުމެވެ. އޭގެ އިތުރުން ބައެއް ރަށް ރަށުގައި ތަރައްގީގެ މަޝްރޫއުތައް ފައްޓާވާއިރު، އާ ވައުދުތައް ވެސް ވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ