ޢިބްރަތްތެރި ވާހަކަ: ބަނޑަށް 2 މަހުގަ ވަރިކޮށްލުމުން ތަޤްވާވެރިކަމުގައި ކުރިއަރައިދިއަ އަންހެނަކަށް ލިބުނު ދަރިފުޅުގެ ކިބައިން ފެނުނު އާދައާ ޚިލާފް ބޮޑު ކަމެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. މަންމަ އާއި ބައްޕަ ބޭނުންވަނީ އެމީހުން ފަދަ ތަނަވަސް އެކުވެރިއެއްގެ އަންހެން ދަރިފުޅަކާއި ކައިވެނިކުރުވާށެވެ! ނަމަވެސް ދަރިފުޅު ބޭނުންވަނީ އޭނާ އިޚްތިޔާރުކުރާ ފަޤީރު ކުއްޖަކާއި ކައިވެނިކުރާށެވެ. 
މައްސަލަ މާބޮޑަށް ހޫނުވުމުން ދަރިފުޅު ބުނީ އޭނާ އުޅެނީ ކައިވެނިކޮށްގެން ކަމަށާއި ދަރިއަކުވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގެއަށް ނުގެންނާނެ ކަމަށެވެ. މިމައްސަލަ ވެގެންދިއައީ އަދި މާހޫނު މައްސަލައަކަށެވެ. 
ދުވަސްކޮޅެއްފަހުން ކުއްޖަކުލިބި އެކަނިވެރިވެފައިވާ ފަޤީރު ކުއްޖަކު ހޯދައި ކައިވެނިކުރިއެވެ. ގޮވައިގެން ގެއަށް ދިއުމުން މަންމަ އާއި ބައްޕަ ދެއްކީ ކުނި މޫނެވެ. ނަމަވެސް ކާފަ ދަރިފުޅު ފެނުމުން ބައްޕައަކަށް ނުހުރެވުނެވެ. ގޮސް އުރައިލިތަނުން އެންމެންނަށް އަޑުއިވުނީ ކާފާ ބުނި އަޑެވެ. މަންމަ ދަރިފުޅު އުރައިލިތަނުން މާމާއެވެ ބުނިއަޑުވެސް އިވިއްޖެއެވެ. ނަމަވެސް ކުއްޖާއަކީ އެއިރު ވާހަކަ ދެކެވޭވެސް ކުއްޖެއް ނޫނެވެ. އެހެންވެ އެންމެން ތިބީ ޙައިރާންކަމެއްގައެވެ. 
ކުއްޖާދެކެ ވެވުނު ލޯބި ބޮޑުކަމުން ދަރިފުޅު ކުރި ކައިވެންޏާއިމެދު އެއްވެސް މައްސަލައެއް ނުޖައްސައެވެ. ކުޑަ ދަރިފުޅަށް ލޯބިދިނުމުގައި މާމަ އާއި ކާފަ ތިބީ މޮޔަވެފައެވެ. 
އެކައިވެންޏަށް މިހާރު 10 އަހަރުވެއްޖެއެވެ. އިތުރު 3 ދަރިންވެސް ލިބިއްޖެއެވެ. އަދިވެސް ފުރަތަމަ ދަރިފުޅުގެ ޙަޤީޤަތް އެނގެނީ ދެމަފިރިންނަށް އެކަންޏެވެ. ދެން ބުނެދެނީ އެކަން އެގޮތަށް މެދުވެރިވިކަމަށް ބެލެވޭ ސަބަބެވެ. 
އެއީ ވަރަށް ނިކަމެތި އަންހެންކުއްޖެކެވެ. އޭނާގެ ފިރިމީހާ އޭނާ ވަރިކުރީ ބަނޑަށް 2 މަހުގައެވެ. އެއިރު އަނބިމިހާ އިނީ ބަލިވެކަމެއް އެއްވެސް މީހަކަށް ނުއެނގެއެވެ. އަނބިމީހާ އެހިސާބުން އަވަށްދޫކޮށްލާފައި އެހެން އަވަށަކަށް ބަދަލުވީއެވެ. ވަޒިފާއެއް ހޯދައިގެން ދިރިއުޅުނީއެވެ. ވީމާ ކުއްޖާގެ ޙަޤީޤަތް އެނގޭ މީހަކު ނެތެވެ. 
އަންހެން މީހާއަކީ ވަރަށް ތަޤްވާވެރި ކުއްޖެކެވެ. އޭނާގެ އެކުވެރިއަކީ އަޅުކަންކުރުމާއި ޤުރްއާން ކިޔެވުމެވެ. ވީމާ ހިނގައިދިއަ ކަމެއް ހިނގައިދިއަ ސަބަބަކީ އޭނާގެ ތަޤްވާވެރިކަން ކަމަށް ބެލެވެއެވެ. މިއީ އަހުރެންނަށް ވިސްނޭ ގޮތެވެ. ސަބަބަކީ ތަޤްވާވެރިކަމުގައި ކުރިއަރައިދެވިއްޖެނަމަ ލައްވަވާނެ ރަޙްމަތެއް ހަަމއެކަކަށްވެސް ނުއެނގޭނެތީއެވެ. ޤަބޫލުކުރެވޭ ގޮތުގައި އެކުއްޖާއަށް މާމަ، ކާފަ ކިޔުނީއެއް ނޫނެވެ. އެމީހުންނަށް އެއަޑު އިޙްޞާޞްކުރެވުނީއެވެ. އެފަދަ ކަންކަން މެދުވެރިވެފައިވެސް އެބަހުއްޓެވެ. 
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އެކަނިވެރިވާ އަންހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
 
- ޝަރީޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ