ޓުޓިކޮރިން އިން ރާއްޖެއައި ވަފުދު ކުޅުދުއްފުއްޓާއި އައްޑޫއަށް

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޓުޓިކޮރިން ނުވަތަ ސޫތުކުޅި "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން"ގެ މަތީ ވަފުދުން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ. މި ވަފުދު ރާއްޖެ އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ސީ.އެމް.އެސް.ވީ.އޯ.އޭ ގެ މި ވަފުދުގައި ދިވެހިރާއްޖެއަށް ސޫތުކުޅިން އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. މި ޖަމިއްޔާއަކީ 100 އަށްވުރެ ދިގު ތާރީހެއް އޮތް ޖަމިއްޔާއެކެވެ. އަދި ސޫތުކުޅީގެ އުޅަނދުފަހަރަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދުފަހަރުތަކެކެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު އަލީއާއި، ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ ހިމެނިވަޑައިގަންނަވާގޮތައް އެމް.ޕީ.އެލްގެ މެނޭޖްމަންޓް ޓީމުންވެސް ވަނީ މި ވަފުދާއެކު ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކުރައްވާފައެވެ.
މިމަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީއަށް ކުރި ޒިޔާރަތުގައި ކައުންސިލާއި އަދި ވިޔަފާރިވެރިން ހިމެނޭގޮތައް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި 23 ވަނަ ދުވަހު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް ކައުންސިލާއި ބައްދަލުކޮށް އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނާއި ވަނީ ބައްދަލުކޮށްފައެވެ. އަދި ކުޅުދުއްފުށި ޕޯޓާއި، ހިތަދޫ ޕޯޓަށް ވަނީ ޒިޔާރަތްކޮށްފައެވެ.
މި 2 ސިޓީގައި ބޭއްވި ބައްދަލުވުމުގައިވެސް ސީ.އެމް.އެސް.ވީ.އޯ.އޭ ގެ މަންދޫބުން ވަނީ ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓަށް އިންޑިއާގެ ސޫތުކުޅިން ޕެރިޝަބަލް އަދި އެހެން މުދާ ފޯރުކޮށްދޭ އުޅަނދުތައް އޮޕަރޭޓްކޮށްދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަށީގެންވާ އަދަދަކަށް މުދާ ގެނެވޭނަމަ އެ 2 ސަރަހައްދަށްވެސް ޝެޑިއުލް ދަތުރުތަކެއް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އުޅަނދުފަހަރު އޮޕަރޭޓްކުރުމުގެ އިތުރުން ރާއްޖެއަށް އިމްޕޯޓްކުރާ ސަޕްލަޔަރުން ވެސް އެ ޖަމިއްޔާގައި ހިމެނޭތީ ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށްދިނުމުގެ ޙިދުމަތްވެސް ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށް މަންދޫބުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ކުޅުދުއްފުށީ އަދި ހިތަދޫ ޕޯޓުން ޙިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި މުދާ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ. އަދި މި އުނދަގޫތައް ހައްލުކޮށްދެއްވާނެކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ޓުޓިކޮރިން ބަނދަރާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަޝްވަރާކުރުމަށް ޚާއްސަ ވަފްދެއް ރާއްޖެ ވަޑައިގެންފައިވާއިރު، މި ސަރުކާރުން 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއާއި ޓުޓިކޮރިންއާދެމެދު ކާގޯ ފެރީގެ ޙިދުމަތް ތަޢާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ