ސަން ބަދިގެ: ދިވެހި ކުޅިމަސް
މިއަދުގެ ސަން ބަދިގެ ސެގްމެންޓް ހާއްސަކޮށްލާނީ ދިވެހީންގެތެރޭ ވަރަށް ގިނައިން ތައްޔާރުކޮށްލެވޭ ދިވެހިވަންތަ ކެއުމަކަށެވެ. ކުޅި މަހަކީ ވަރަށް ގިނަ ބަޔަކު ރަމަޟާން މަހު ހާރު ދަމަށް ވެސް އަދި ބައެއް މީހުން ތަރާވީސް ގަޑީގައި ވެސް ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ. ކުޅި މަސް އެކި މީހުން އެކިގޮތްގޮތަށް ތައްޔާރުކުރާއިރު މިއީ ކަނޑު މަހުގައި ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ބާވަތެކެވެ. ބޭނުން ވާތަކެތި 01 ކިލޯ ކަނޑު މަސް 01 ކާށި ހުނި 20 ގްރާމް ހިކިމިރުސް 25 ގްރާމް ދިރި 06 އިންޗި ރާންބާފަތް 01 ޖޯޑު ފެން 50 ގްރާމް ގިތެޔޮ މިރުސް 100 ގްރާމް ޓޮމާޓޯ ޕޭސްޓް 10 ގްރާމް ދަވިއްގަދު 75 ގްރާމް ގިތެޔޮ 500 ގްރާމް ފިޔާ 04 ހިކަނދި ފަތް ރަހަލާވަރުގެ ލޮނުކޮޅެއް ތައްޔާރު ކުރާނެގޮތް ކަން ކަތިކޮށް މަސްކޮޅު ކޮށާލުމަށް ފަހު ރީއްޗައް ދޮވެލާފައި ބަހައްޓާލާށެވެ. އެއަށްފަހު ކާށި ހުނި، ދިރި، ދަވިއްގަދު، ގިތެޔޮ މިރުސް، ހިކިމިރުސް، ފިޔާ ތިން ބައި ކޮށްފައި އެއް ބައި، ހިކަނދިފަތް އަދި ރާނބާފަތް ދެ ބައި ކޮށްފައި އެއް ބައި އަދި ފެން ޖޯޑެއް އަޅާފައި ވަރަށް ހިމުންކޮށް މިކްސަރުން މުގުރާލާނީއެވެ. އެއަށްފަހު ތެއްޔެއްގެތެރެއަށް ގިތެޔޮއަޅާ ހޫނުކޮށްލުމަށްފަހު ބާކީ ހުރި ފިޔާ، ހިކަނދިފަތް، ރާންބާފަތް، ރަތް ކޮށްލުމަށްފަހު ފުނޑާފަައި ހުރި ހަވާދުކޮޅު، ޓޮމާޓޯ ޕޭސްޓާއި ލޮނު އަޅާ އެއްކޮށްލާފައި ކުޑަކޮށް ހޫނު ކޮށްލާށެވެ. ހޫނުވީމާ މަސްކޮޅުއަޅާ ރީއްޗަށް އެއްކޮށްލާފައި ރަގަނޅަށް ކައްކާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ