އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ ސްޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލައިފައިވާކަމަށް އިސްރާއީލުން ބުނެފައި ވަނިކޮށް، އޭނާ އަވަހާރަވެފައިވާކަން އީރާނުން އަންގާރަ ދުވަހު ކަށަވަރުކޮށްދީފިއެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ޝަހީދުންގެ ޠާހިރު ރޫޙުތަކާ، މާތްﷲގެ ޞާލިޙު އަޅާ، ޝަހީދު ޑރ. އަލީ ލަރިޖާނީގެ ޠާހިރު ރޫޙު ބައްދަލުކޮށްފި" ކަމަށެވެ.
"އީރާނާއި އިސްލާމީ އިންޤިލާބުގެ ކުރިއެރުމަށްޓަކައި އުމުރުދުވަހު ކުރެއްވި ޖިހާދަށްފަހު، އޭނާ އަބަދުވެސް ދެކެމުންދިޔަ ހުވަފެން ޙާޞިލުކޮށް، އިލާހީ ނިދާއަށް އިޖާބަދެއްވައި، ޚިދުމަތުގެ މައިދާނުގައި ޝަހީދުވުމުގެ ފޮނިކަމާއި ޝަރަފު އޭނާ ޙާޞިލުކުރައްވައިފި،" ކައުންސިލްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
ޑރ. އަލީ ލަރިޖާނީއަކީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ދައުރެއް އަދާކުރައްވާފައިވާ އިސް ބޭފުޅެކެވެ. އޭނާ ވަނީ 2008 އިން ފެށިގެން 2020 އަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގައި އިސް މަންދޫބެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވިއެވެ. މީގެ އިތުރުން އޭނާއަކީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް، އަދި ޚާމަނާއީގެ ޚާއްޞަ މުޝީރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ލަރިޖާނީ އަވަހާރަކޮށްލާފައި މިވަނީ މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު ސީދާ ޙަމަލާބަދަލުކުރުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް އިސްރާއީލުން ގެންދަނީ ސީރިއާ، ލުބުނާން އަދި އީރާނުގެ އެތެރޭގައިވެސް އީރާނުގެ އިސް އޮފިޝަލުންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދެމުންނެވެ.
މިފަދަ ޙަމަލާތައް ދިނުމާއި، ފަލަސްޠީނާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކުގައި އެންމެ ބޮޑަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާއިންނެވެ.
އީރާނާ ދެކޮޅަށް ހަރުކަށި ޢަމަލުތައް ހިންގުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކުރަމުންނެވެ.
އީރާނުގެ ސެކިއުރިޓީ ޗީފް ލަރިޖާނީ އަވަހާރަވެއްޖެކަން އީރާނުން ކަށަވަރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ