ދެ އިންތިހާބު އެއްކުރަން އެމްޑީޕީ ނޫން ބޮޑެތި ހުރިހާ ޕާޓީއެއްގެ ތާއީދު

ރިޔާސީ އިންިތހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންިތހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ބޮޑެތި ޕާޓީތަކުން ތާއީދު ކޮށްފި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މިހާތަނަށް ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އިން ތާއީދު ކޮށްފައިވާ އިރު ރޭގެ ވަގުތެއްގައި އަދާލަތު ޕާޓީން ވެސް ވަނީ އެކަމަށް ތާއީދު ކުރަން ނިންމައިފަ އެވެ.
އެ ޕާޓީން ބުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ މެދު ރޭ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ މަޖިލީހުގައި މަޝްވަރާ ކުރި ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ މަންފާ އަށް ރިއާޔަތް ކުރުމަށް ފަހު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ކުރަން މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް އަދާލަތު ޕަޓީން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ މަހު 4 ގަ އެވެ.
އެ ވޯޓުގައި އަހާނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސް ކޮށްފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވަން ފެނޭތޯ އެވެ.
އެ އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ އިރު ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން އާއި ގާނޫނީ ވަކީލުންގެ ޓީމަކުން ވަނީ ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ