ވަގު އެމްސީއެއް ހުށަހެޅި ޓީއެމްއޭގެ ކެބިންކްރޫ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
ފޯޖުކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅި ޓީއެމްއޭގެ ކެބިންކްރޫއެއް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. މިއީ، ޓްރާންސް މޯލްޑިވިއަން އެއާވޭސް- ޓީއެމްއޭގެ ކެބިން އެޓެންޑެންޓެއް، 2024 ވަނަ އަހަރު ވަޒީފާއިން ވަކިކުރި މައްސަލައެވެ. އެ ކެބިން އެޓެންޑެންޓު، ވަޒީފާއިން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ދުވަސްކޮޅެއް ކުރިން، މި މައްސަލައިގައި އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރުމުން އެ ކެބިން އެޓެންޑެންޓު، ހަމަ އެ އަހަރުގެ އޮކްޓޫބަރު މަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ، އޭނާ ވަޒީފާއިން ވަކިކުރީ، ކަން ހިނގައިދިޔަ ގޮތް ރަނގަޅަށް ނުބަލައި، ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އޭނާވަނީ އޭނާ ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައެވެ. އެހެންނަމަވެސް، މި ހިނގާ މާރިޗު މަހުގެ ފުރަތަމަ ހަފްތާގައި އެ މައްސަލަ ނިންމާފައިވަނީ އޭނާއާ ދެކޮޅަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތަތީ އޭނާއަށް ބަދަލު ނަގައި ނުދެވޭނެ ކަމަށް ކަނޑައަޅައިފައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކެބިން އެޓެންޑެންޓްވަނީ އޭނާއަށް ޑެންގޫ ހުން ޖެހިގެން، އަނގަފާރުވެ ކަނޑައިގެން ދިޔުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން އޭނާއަށް ދޫކުރި މެޑިކަލް ސެޓްފިކެޓެއް ފޯޖުކޮށް، ހަމަ އެ މެޑިކަލް ސެޓްފިކެޓްގެ ނަންބަރުގައި ދެވަނަ މެޑިކަލް ސެޓްފިކެޓެއް ހަދައި، ޓީއެމްއޭގެ އެޗްއާރަށް ހުށަހަޅައިފައެވެ. ކެބިން ކްރޫ ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީ ޓީއެމްއޭގެ އެޗްއާރަށް އެކަން އެނގުމުންނެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޓީއެމްއޭއިން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ލިޔެގެން، އެ މެޑިކަލް ސެޓްފިކެޓްގެ ހަގީގަތް ހޯދާފައިކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފްލައިޓް އެޓެންޑެންޓް އޮފީހަށް ހުށަހެޅި ދެވަނަ އެމްސީއަކީ ހޮސްޕިޓަލުން ދޫކުރި ސައްހަ އެމްސީއެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ