އިޤުރާރުވީމޭ ލޯބިން - 14

"ރެން. ޕްލީޒް. މިވަގުތަކު ނޫން... " އަޔާޝް ބުނެލިއެވެ. "ޕްލީޒް...." އަޔާޝްއަށް އަވަސް ނަޒަރެއް ދެމުން ޒަހްރާން ބައްޕައަށް ބަލައިލިއެވެ. އެއަށްފަހު، އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަޔާޝް އެބުނީ ރަނގަޅު ވާހަކައެއްކަމުގައި މިފަހަރު ޒަހްރާންގެ ސިކުނޑި އޭނައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެންމެފަހުން ސިކުނޑީގެ ގޮވުންތަކަށް އިޖާބަދެމުން އޭނަ ގޮސް މުރާދުގެ ކައިރީގައި ހުއްޓިފައި ވާހަކަ ދެއްކިއެވެ. "ބައްޕަ މިހާރު ކިހިނެއްތޯ؟" ޒަހްރާނަށް ސުވާލުކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ބަސްމާ ކޮޓަރިން ނުކުންނަންވެގެން އެނބުރިލިއެވެ. އޭނަ ޒަހްރާނާ މުރާދަށް ވަގުތު ކޮޅެއް ދޭން ބޭނުންވީއެވެ. ފަހަރުގައި އޭނަ އެތަނުގައި މަޑުކޮށްފިނަމަ ޒަހްރާނަށް އުނދަގޫވެދާނެހެން ހީވާތީއެވެ. މުރާދަށް ބަސްމާ ގެ މަޤްސަދު އެނގުމުން އޭނަ ބަސްމާ ހުއްޓުވުމުގެ ނިޔަތުގައި ގޮވައިލިއެވެ. "ބަސްމާ..." މުރާދުގެ އަޑަށް ބަސްމާ މަޑުޖެހިލަމުން ބަލައިލި ނަމަވެސް، އިތުރު އެއްޗެއް ނުބުނާށޭ ބުނުމުގެ ގޮތުން އޭނަ ދެފަރާތަށް ބޯ ހޫރައިލިއެވެ. ބަސްމާއަކީ އަބަދުވެސް ކަންތައްތަކާ މެދު ވިސްނާ، މަސްލަހަތު އިސްކުރާ މީހެކެވެ. އެކަން އެނގުމުން މުރާދުވެސް ބޯ ޖަހައިލިއެވެ. އެއާއެކު ބަސްމާ ގޮސް ނުކުމެއްޖެއެވެ. އެއްފަރާތުގައި ހުރި ވެއިޓިން އޭރިޔާގައި އޭނަ މަޑުކޮށްލިއެވެ. "އެރޭ... އެގޮތަށް ވާހަކަ ދެއްކުނީތީ ސޮރީ ބައްޕާ..." ޒަހްރާން މުރާދަށް ބަލައިލަމުން މާފަށް އެދުނެވެ. އޭނައަށް އެ ދުވަހު ކުރެވުނީ ކުށެއްކަން ޒަހްރާނަށް އެނގެއެވެ. މިއަދު ބައްޕަ ބަލިވެ އެނދުމަތީގައި އޮތުމުން އޭނަގެ ހިތަށް އަސަރުވެސް ކުރިއެވެ. "އިޓްސް އޯކޭ ރެން. ބައްޕަ ދަރިފުޅަށް މާފުކޮށްފިން." އިތުރަށް އެ މައުޟޫއަށް ވާހަކަ ކުރިއަށް ގެންދާކަށް މުރާދުވެސް ބޭނުމެއް ނޫނެވެ. އޭނަ ޒަހްރާންގެ އަތުގައި ހިފައްޓައިލިއެވެ. ޒަހްރާންވެސް ހިނިތުންވެލިއެވެ. އެ ދުވަހުގެ ގިނަ ވަގުތުތައް ޒަހްރާން ހޭދަކުރީ ބައްޕަ ކައިރީގައެވެ. އޭނަ ގެއަށް ދާންވެގެން ނުކުތީ، އިޝާ ނާމަދަށް ބަންގިވެސް ގޮވިފަހުންނެވެ. ޒަހްރާން ކޮޓަރިން ނުކުތްވަގުތަކީ، ގެއަށް ގޮސްފައި، ބަސްމާވެސް އައި ވަގުތެވެ. ބަސްމާއަށް ޒަހްރާން ފެނުމާއެކު އޭނަ އަމިއްލަ އިޙްސާސްތައް ހިންދައިލަން މަސައްކަތްކުރަމުން ޒަހްރާނަށް ގޮވާލައިފިއެވެ. "ދަރިފުޅު ދަނީތަ؟" ބަސްމާގެ އަޑުން ޒަހްރާން މަޑުޖެހިލިއެވެ. އެހެންނަމަވެސް އޭރު އޭނަގެ ދެއަތް މުށްކެވެމުން ދިޔައެވެ. ޖިންސްގެ ޖީބަށް އަތް ޖަހައިލުމާއެކު، އޭނާ ދަތްކުނޑި ވިކާލަމުން އެއްޗެއް ނުބުނެ ދާންވެގެން ގަސްތުކުރީ ހޮސްޕިޓަލުގައި ޒުވާބުކުރަން ބޭނުންނުވާތީއެވެ. ބަސްމާ ފެނުމުން އޭނައަށް ރުޅިގަނޑު ކޮންޓްރޯލް ކުރަން ނުހަނު އުނދަގޫވެއެވެ. ބަސްމާއަށް ބަލައިލުމެއްނެތި ހިނގައިގަތީވެސް އެހެންވެގެންނެވެ. އެހެންނަމަވެސް ހުއްޓެން މަޖުބުރުވީ ކަންފަތަށް އިވުނު ބަސްތަކެއްގެ ސަބަބުންނެވެ. "ރެން... ދެން ހަމަ ގެއަށް ނާންނީތަ؟ ގޮތް ދޫކޮށްފަ ދެން އާދެބަލަ. އޭރުން ބައްޕަވެސް ކިހާ އުފާވާނެ." ބަސްމާ ބުނެލިއެވެ. ޒަހްރާން އެނބުރިލިއެވެ. އޭނަ ބަސްމާއަށް ބަލައިލިއިރު މޫނުމަތިން ފެންނަނީ ނުރުހުންތެރިކަމެވެ. "އަހަރެން ގެއަށް ނުދާނެކަން އެނގިހުރެ ކޮންކަމެއް ސާބިތުކޮށްދޭން ތިއުޅެނީ؟ އެއްޗެއް ނުބުނެ ދާން އުޅުނީމަވެސް ރަނގަޅެއް ނުވިއޭ... ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ވާހަކަ ދައްކަން ބޭނުންނުވާކަން. ދެން އެއްޗެއް ބުނީމަ ގޮސް ބައްޕަ ކައިރީގައި ބުނީމަ ނިމުނީނު." ޒަހްރާން ބުނެލިއިރު އެ އަޑުގައި ވަނީ ހަރުކަށިކަމެކެވެ. ވާހަކަ ދެކެވެމުން ދިޔައީ އޭނަގެ މަންމަގެ މަޤާމުގައި ހުރި މީހާއާ ކަމާ މެދުވެސް ޒަހްރާން ވިސްނަން ބޭނުންނުވާފަދައެވެ. ބަސްމާއަށް ވަގުތުން އިސްޖަހައިލެވުނެވެ. ޒަހްރާންގެ ބަސްތަކުން އޭނަގެ ހިތަށް ތަދުވިއެވެ. އެހެންނަމަވެސް މިފަހަރުވެސް އެތެރެ ހަށީގައި އުފެދުނު ތޫފާން މައިތިރިކުރަން މަސައްކަތްކުރަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "ބައްޕަ ކައިރީގައި އެއްވެސް ވާހަކައެއް ނުބުނާނަން. އެކަމާ ކަންބޮޑުނުވޭ..." ބަސްމާ ބުނެލިއެވެ. "މީ ރެންގެވެސް އާއިލާ... ރެން ނުޖެހޭނެޔޭ އާއިލާއާ ދުރުގަ އުޅޭކަށް...." "ކޮން ރެން ރެންއެއްތަ؟ އަހަރެންގެ ނަމަކީ ޒަހްރާން." ބަސްމާގެ ވާހަކަ މެދުކަނޑާލަމުން ޒަހްރާން ބުނެލިއެވެ. "ކިތަންމެ އަހަރެންގެ މަންމައަށް ވާ ހިތުން އުޅުނު ނަމަވެސް، ތި ބަސްމާއަކަށް އަހަރެންގެ މަންމައަކަށް ނުވެވޭނެ. އައެމް ނޮޓް ސޯ ނައިވް... ޔޫ ރުއިންޑް އެވްރީތިން. މިހާރު ދެން އެއްވެސް ކަމެއް ރަނގަޅު ކުރަން އުޅޭނެކަމެއް ނެތް." އެހެން ބުނެލާފައި ބަސްމާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ޒަހްރާން ނުދިނެވެ. އޭނަ ބާރު ފިޔަވަޅުތަކެއްގައި ގޮސް ވާރޑުން ނުކުމެއްޖެއެވެ. އޭރުވެސް ބަސްމާ އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. އިތުރު ތަނެއްގައި މަޑުކުރުމެއްނެތި އެ ދިޔަ ބާރުމިނުގައި ގޮސް ޒަހްރާން ހުއްޓުނީ އޭނަގެ ސައިކަލު ކައިރީގައެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ހަށިފުރާ ލީ ނޭވާއާއެކު ފައިގައި ހުރި ބާރުލާފައި ސައިކަލުގައިވެސް ޖެހިލިއެވެ. ހީވީ އައިސްފައި ހުރި ރުޅި ސައިކަލަށް ބޭލީހެންނެވެ. އެވަގުތު ސައިކަލު ކުޑަކޮށް އަރި އަޅައިލި ނަމަވެސް ހުޝިއާރުކަމާއެކު އޭގައި ޒަހްރާން ހިފެއްޓިއެވެ. އަރާ އިށީނދެފައި ސައިކަލު ސްޓާރޓްކޮށްލަމުން، ދުއްވައިލިއެވެ. ބޭރު މަގަށް ނުކުމެވުމާއެކު، ސައިކަލުގެ ދުވެލިވެސް ބާރުކޮށްލައިފިއެވެ. ދުއްވަމުން ދުއްވަމުން ގޮސް އާރޓްފިޝަލް ބީޗާ ހިސާބުގައި މަޑުކޮށްލަމުން ސައިކަލުން ފޭބިއެވެ. އެއްފަރާތުގައި ހުރި ރެސްޓޯރެންޓަށް ވަނުމަށްފަހު، އޭނަ އެރީ މައްޗަށެވެ. މަގުގެ ބޭރު ފެންނަ ގޮތަށް ހާމައަށް އޮތް ބައިގައި ހުރި ހުސް މޭޒެއްގެ ދޮށުގައި ހުރި ގޮނޑި ދަމާލާފައި ޒަހްރާން އިށީނެވެ. ވެއިޓަރު އައުމުން ކަޅު ކޮފީއަކަށް އޯޑަރު ދީފައި އޭނަ ބޭރު ބަލައިލިއެވެ. މަގުމަތީގައި ދުއްވާ އެއްޗެހީގެ އަޑުފަށްގަނޑުން ތަނުގެ ހިމޭންކަންވަނީ މުގުރާލާފައެވެ. ހިނގާމީހުންވެސް މަދެއް ނޫނެވެ. މާގިނަ އިރެއްނުވެ ވެއިޓަރު އޭނަގެ ކޮފީ ހިފައިގެން އަތުވެއްޖެއެވެ. މޭޒުމަތީގައި ޖޯޑު ބަހައްޓަމުން އިތުރު އެއްޗެއް ބޭނުންވޭތޯ ވެސް ވެއިޓަރު ސުވާލުކޮށްލިއެވެ. އެއާއެކު ޒަހްރާން ނޫނެކޭ ބުނެލިއެވެ. ވެއިޓަރު ދިޔުމާއެކު އޭނަގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ބޭރަށެވެ. ހީވަނީ ވިސްނުންތަކުން ބަރާވަމުން ދިޔަ ސިކުނޑިއަށް ލުޔެއް ދޭން ބޭނުންވެފައިވާ ހެންނެވެ. ވިސްނުން މުޅިން އެހެން ދިމާލަކަށް އަނބުރާލަން ބޭނުންވެފައި ވާހެންނެވެ. ކޮފީ ޖޯޑު ނެގުމަށްފަހު، އެތި ފޮދެއްބޮއިލިއެވެ. ވާންވެފައިވާ ސިކުނޑީގެ ނާރުތަކަށް ލުއިކަމެއް ދޭން ޒަހްރާން ހުރީ ބޭނުންވެފައެވެ. އޭނަ އެތަނުގައި އިންދާ، އެ ތަނަށް ނުކުމެވެން ހުންނަ ދޮރު ހުޅުވާލާފައި ކޮންމެވެސް ބަޔަކު އައެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ އިންނަމަވެސް، އެ ދެމީހުން އޭނަ އިން މޭޒާ ކައިރިން ލާފައި ދާން ފެށުމުން ބޭއިޚްތިޔާރުގައި އެ ދެމީހުންނަށް ބަލައިލެވުނެވެ. އެއާއެކު، ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެއީ އޭނައަށް އައިރާމެން އެޕާރޓްމެންޓަށް ވަދެ ނުކުމެ ހަދާތަން ފެންނަ ޒުވާނާއެވެ. އޭނަ ހުރީ ކޮންމެވެސް އެހެން އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް ޖައްސާލައިގެންނެވެ. ޒަހްރާންގެ ސަމާލުކަން ވަގުތުން އެ ދެމީހުންނަށް ހުއްޓުނެވެ. ހިތުގައި އަނެއްކާވެސް އިތުރު ސުވާލުތަކެއް އުތުރި އަރައިގެން ހިނގައްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް އެ އަންހެން ކުއްޖާ އިށީންނަން އެ ޒުވާނާ ގޮނޑި ދުރުކޮށްލަ ދިން ގޮތާ، އިށީނދެ ހަމަޖެހިލުމަށްފަހު، އެ އަންހެން ކުއްޖާގެ އަތުގައި ބޮސްދިން މަންޒަރު ފެނުމުން އެއީ ދެލޯބިވެރިން، ނުވަތަ ދެމަފިރިންކަމުގައި ޒަހްރާނަށް ވިސްނުނެވެ. އޭނައަށް ބުމަ އަރުވައިލެވުނީވެސް ގަސްތަކު ނޫނެވެ. އެ ދެމީހުންނަށް ބަލަހައްޓައިގެން އިނދެފައި ޒަހްރާން ނަޒަރު ވަކިކޮށްލީ އެކަން އެ މީހުންނަށް ފާހަގަވެދާނެކަން ވިސްނުމުންނެވެ. އޭނަ ބޭރަށް ނަޒަރު ހުއްޓައިލި ނަމަވެސް، ކަންފަތް ވަނީ އެ ދިމާލަށް ހުޅުވާލެވިފައެވެ. "ތެންކިއު.. ތެންކިއު ސޯ މަޗް ބޭބީ... އައި ލަވް ދިސް ރިންގް..." އަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮޓި ދައްކާލަމުން، ދާނިޔާ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުން ވެލިއެވެ. "އެނީތިންގ ފޯރ ޔޫ މައި ލަވް..." ރިހާމް ބުނެލިއެވެ. އެ ދެމީހުން ލޯބީގެ ވާހަކަތައް ދައްކަމުން ދިޔައިރު، އެތަނުގައި އިން އިތުރު މީހެއް އެމީހުންގެ ވާހަކަތަކަށް ސަމާލުކަން ދޭކަމެއް އެކަކަށްވެސް ނޭނގެއެވެ. ކޮފީ ބޮއި ނިންމާލާފައި ޒަހްރާން ތެދުވެ އަދިވެސް އެއްފަހަރު ރަނގަޅަށް އެ ދެމީހުންނަށް ބަލައިލިއެވެ. ހުޅުމާލެ ގޮސް އެޕާރޓްމެންޓު ކޮންޕްލެކްސްގެ ތިރީގައި ހަދާފައިވާ ޕާކިން ލޮޓްގައި ސައިކަލު ޕާކުކޮށްލާފައި، ޒަހްރާން ގޮސް ލިފްޓު ލޮބީއަށް ވަނެވެ. މައްޗަށް އެރުމަށްފަހު، ލިފްޓުން ފައިބާ އޭނައަށް އައިރާގެ އެޕާރޓްމެންޓާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފިޔަވަޅެއް ކުރިއަށް ވެސް އަޅައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މަޑުޖެހެވުނެވެ. އައިރާ ދުށުމަށް އޭނަގެ ހިތް ބޭޤަރާރުވަމުން ދިޔަކަން ޚުދު ޒަހްރާނަށްވެސް އިޙްސާސްވަމުން ދިޔައެވެ. އެ އިޙްސާސްތައް ހިންދައިލަން މަސައްކަތްކޮށްކޮށް ވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އުނދަގުލުން އަމިއްލަ އެދުންތަކުގެ ކުރިމަތީގައި، ގަދަހަދަމުން ޒަހްރާން ގޮސް އޭނަގެ އެޕާރޓްމެންޓަށް ވަދެ ދޮރު ޖަހައިލިއެވެ. އެރޭ ނިދަން އޮވެގެންވެސް ޒަހްރާނަށް ވިސްނެނީ އެ ޒުވާނާއާ މެދުގައެވެ. އައިރާއާ އެ ޒުވާނާއާ އޮތް ގުޅުން އެނގެން ބޭނުންވެގެން އޭނަގެ ހިތް ތެޅި ފޮޅެނީއެވެ. ނުނިދިފައި ދެފަރާތަށް ފުރޮޅި ފުރޮޅި އޭނައަށް އެތަކެއް އިރަކު އޮވެވުނެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ރިންގުވުމާއެކު އޭނަ ބަލައިލިއެވެ. ޓެލެގްރާމުން އައި ކޯލަކީ އެމެރިކާއިން ދިމާވި އަންހެން ކުއްޖެއްގެ ކޯލެކެވެ. ފޯނު ކަނޑާލުމަށްފަހު ޒަހްރާން ސައިލެންޓަށްލީ ވާހަކަ ދައްކަން ޝައުޤުވެރިކަން ނެތްފަދައަކުންނެވެ. އެއަށްފަހު އޭނަ ބާލީހެއްގައި ބައްދައިލިއެވެ. އޭރު އޭނަގެ މުޅި ސިކުނޑި ހިޞާރުކޮށްފައިވަނީ އައިރާގެ ޚިޔާލުތަކުންނެވެ. އެތަކެއް އިރަކު ވިސްނުންތަކަށް ސިކުނޑި ދޫކޮށްލައިގެން ޒަހްރާނަށް އޮވެވުނެވެ. ***** ތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެ ތިން ދުވަހުވެސް ރިހާމް އައިރާގެ ކައިރިއަކަށް ނާދެއެވެ. އެކަމުގެ ސަބަބުން އައިރާގެ މުޅި ދުވަސް ހޭދަވެގެން ދަނީ ރުއިމާ ގިސްލުމުގައެވެ. ގިލަންވެރިކަމާއި އެކަނިވެރިކަމުގައެވެ. ރިހާމް އެވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެއީ މީގެ ކުރީގެ ރިހާމްއެއް ނޫނެވެ. އޭނަގެ ކަރުނަތަކަކުން، އަދި އާދޭސްތަކަކުންވެސް މިއަދަކު ރިހާމްއަށް ފަރަޤެއް ނުވެއެވެ. ކިތަންމެ ކުޑަ އެއްޗެއް ބުންޏަސް މުޅީންވެސް ވަނީ ޝަކުވާކުރަނީ ކަމުގައެވެ. އެކަނި މާއެކަނި ގޭތެރޭގައި އެހެން އޮވެއޮވެ އައިރާ ނަފްސާނީ ގޮތުންވެސް ބަލިކަށިވާން ފެށިއެވެ. ވާހަކަ ދައްކާލާނެ މީހަކު ނެތުމުގެ ސަބަބުން މާޒީގެ ޚިޔާލުތައް އަބަދުމެ އޭނައަށް ގޯނާކުރަމުން ދިޔައެވެ. މާޔޫސްކަމާއި ގިލަންވެރިކަމުގެ ސިލްސިލާއަކަށް ނިމުމެއް ނާދެއެވެ. ދުނިޔޭގައި އޭނައަށް ވުރެ އެކަނިވެރިމީހަކު ހުންނާނެހެނެއް އައިރާއަކަށް ހިޔެއް ނުވެއެވެ. ނާއުންމީދާ މާޔޫސްކަމަކީ އޭނަގެ އެކުވެރިއަކަށް ވެއްޖެއެވެ. ޝަކުވާތަކުގެ ސަބަބުން ހިތުގައި ރިހުމެއްގެ އަސަރު އުފެދިގެން ދެއެވެ. ސޯފާގައި އިށީނދެލައިގެން އައިރާ އިންދާ ރިހާމް އަތުވެއްޖެއެވެ. އެއީ ރޭގަނޑެކެވެ. އަޅުވާފައިވާ ޓީވީގެ އަޑު މަޑުކޮށްލުމާއެކު އައިރާ، ރިހާމްއަށް ބަލައިލިއެވެ. ތިން ދުވަސްފަހުން ރިހާމް އައުމުން ކުރަން ބޭނުންވާ ކިތަންމެ ޝަކުވާއެއް ހުރިނަމަވެސް، އައިރާ ހިމޭންކަން އިޚްތިޔާރުކުރިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނަ މަޑުކޮށްލީ ރިހާމް އެއްޗެއް ބުނޭތޯއެވެ. "ރަނގަޅުތަ؟" އާދައިގެ މަތިން ރިހާމް ސުވާލުކޮށްލިއެވެ. "ހޫމް..." އައިރާ ހަމައެކަނި "ހޫމް" އަކުން ފުއްދައިލީއެވެ. އޭނަ އިސްޖަހައިލީ މާޔޫސްކަމާއެކުގައެވެ. ކިތަންމެ ވަރަކަށް ވެސް ރިހާމްއަށް އެ ދެމީހުން އުޅެނީ ކައިވެނިކޮށްގެންކަމާއި އެ މަތިވެރި ގުޅުމުގެ މަތިން ހަނދާންކޮށްދޭން އައިރާ ބޭނުންވިއެވެ. އެހެންނަމަވެސް ޝަކުވާކުރާނެ ހިތްވަރު ނުލިބުނީއެވެ. އެއްޗެއް ބުނެފިނަމަ ރިހާމް ނުކުމެގެން ދާނީކަން އޭނައަށް އެނގޭތީއެވެ. ރިހާމް އައިސް، ސޯފާގައި އިށީނދެލިއެވެ. "ކޯންޗެއް ތި ބަލަނީ؟" ރިހާމްއަށް އައިރާގެ މާޔޫސްކަން ނުފެންނަ ފަދައެވެ. އޭނަ އާދައިގެ ގޮތަކަށް އަހައިލިއެވެ. "ފިލްމެއް..." އައިރާ ޖަވާބު ދިނެވެ. އޭނަ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަން އުޅުނު ނަމަވެސް، އެކަމެއް ކާމިޔާބެއް ނުވިއެވެ. އައިރާގެ ހިމޭންކަމުން ރިހާމްއަށް ކުޑަކޮށް އުނދަގޫވާގޮތްވިއެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް ޝަކުވާ ނުކުރާތީކަމުގައިވެސް ވެދާނެއެވެ. "ކަމެއްވީތަ؟" މިފަހަރު ރިހާމްގެ އަޑުގައި ކޮންމެވެސް ކަހަލަ އަސަރެއް ވިއެވެ. "އުހުމް..." އައިރާ ބުނެލިއެވެ. "އައިރާ..." ރިހާމް އައިރާގެ އަތުގައި ހިފައްޓައިލިއެވެ. "އަހަރެން އައިރާ ދޫކޮށެއް ނުލާނަމޭ... އައި ޕްރޮމިސް..." ރިހާމް ބުނެލިއެވެ. އޭނަ އައިރާގެ އަތަށް ބާރުކޮށްލިއެވެ. އެއީ ރިހާމް އޭނަގެ އަމިއްލަ ހިތަށްވެސް ވިސްނައިދޭން ބޭނުންވާ ގޮތެވެ. ދާނިޔާއާ ކައިވެނިކުރިއެއްކަމަކު އޭނަ އައިރާ ވަރިއެއް ނުކުރާނެއެވެ. އައިރާ ހުންނާނީ އޭނަގެ އަނތްބެއްގެ ގޮތުގައެވެ. ލޯތްބަށް ވުރެ ބޮޑަށް ރިހާމްގެ އަޑުގައިވަނީ ޙަމްދަރުދީގެ އަސަރުތަކެކެވެ. ވަރިކޮށްފިނަމަ އައިރާ ދާނެ އިތުރު ތަނެއް ނެތީތީކަމަށްވެސް ވެދާނެއެވެ. ނޫނީ އޭނަ އައިރާއަށް ވީ ވަޢުދުތަކުގެ މަތީން ހަނދާންވުމުން، އައިރާ އެކަނި ޙާލަށް ދޫކޮށްލަން ނުކެރެނީކަމަށް ވެސް ވެދާނެއެވެ. ރިހާމްއަށް ނޭނގުނު ކަމަކީ އޭނަ އައިރާގެ ފިރިމީހާގެ ގޮތުގައި ހުރެ އައިރާއާ މެދު އަމަލުތައް ބަހައްޓާ ނާއިންސާފުވެރި ގޮތްތަކުގެ ސަބަބުން އައިރާއަށް ކެތްކުރަން ދަތިވާ ފަދަ ވޭންތަކެއް ލިބެމުން ދިޔަކަމެވެ. އޭނައަށް އައިރާއަށް ދޭން ނުވާ އުންމީދުތަކެއް ދެވެމުން ދާ ކަމެވެ. ބައެއްފަހަރު އުންމީދުތަކަކީ އިންސާނާގެ ހިތަށް ލިބޭ ތަކުލީފަކަށް ވެދެއެވެ. އުންމީދު ދީފައި އެ އުންމީދު ފުނޑުފުނޑުކޮށްލާ ކޮންމެ ފަހަރަކު ހިތުގައި ނުފިލާ ފަދަ ޒަޚަމްތަކެއް ލައްވާލައެވެ. ބައެއް ފަހަރު ދެވޭ އުންމީދު ހިތްދަތި އިޙްސާސަކަށް ވަނީވެސް އެހެންވެގެންނެވެ. އޭގެ ބަދަލުގައި އެއްފަހަރުން ގުޅުން ނިންމާލުންވެސް މާރަނގަޅެވެ. ހިތަށް ތަދުވި ނަމަވެސް ލިބެން ނެތް ލޯތްބަކަށް އޭރަކުން ހަމަގައިމުވެސް އިންތިޒާރެއް ނުކުރާނެއެވެ. ވަގުތާއެކު ހިތުގައި ލީ ޒަޚަމްތައްވެސް ފަސޭހަވެދާނެއެވެ. އެހެންނަމަވެސް، އެއްފަހަރު ލޯބިދީފައި، އަނެއް ފަހަރު ރިހުން ދޭނަމަ ދުވަހަކުވެސް އެ ޒަޚަމްތަކަށް ޝިފާއެއް ނުލިބޭނެއެވެ. އެންމެފަހުން ހިތާމައިގެ ކަނޑެއްގައި ޣަރަޤުވެގެން ހިނގައިދާނެއެވެ. "އައިރާ... ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، އައިރާ ހުންނާނީ އަހަރެންގެ އަނތްބެއްގެ ގޮތުގައޭ..." ރިހާމް މިފަހަރުވެސް ޔަޤީންކަން ދޭން ބޭނުންވެފައިވާ ފަދަ ގޮތަކަށް އަނެއްކާވެސް ބުނެލިއެވެ. އައިރާ ބޯ ޖަހައިލިއެވެ. ރިހާމްގެ ފޯނު ރިންގުވީ އެވަގުތެވެ. އޭނަ ޖީބުގައި އޮތް ފޯނު ނަގާ ބަލައިލުމަށްފަހު، ތެދުވިއެވެ. "ދާންވެއްޖެ. ފަހުން އަންނާނަން އިނގޭ..." އެހެން ބުނެލާފައި ރިހާމް ސޯފާއިން ތެދުވިއެވެ. އައިރާ މިފަހަރުވެސް ބޯ ޖަހައިލިއެވެ. ރިހާމް ގޮސް ގެއިން ނުކުތުމާއެކު، ކަމެއް ހަނދާންވާ ފަދައަކުން ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ރިހާމް ހުރީ ލިފްޓަށް މަޑުކޮށްގެންނެވެ. އޭނަ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. "ރިހާމް..." އައިރާ ގޮވައިލިއެވެ. "ފަހުން އަންނާނަމޭ... މިވަގުތު ކަމެއް ދިމާވެއްޖެ." ރިހާމް ހީކުރީ އައިރާ އޭނަ ހުއްޓުވަން އުޅެނީ ކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. "ލާރި ހުސްވީމަ..." އައިރާ ބުނެލިއެވެ. "އެކީ ހުސްވީތަ؟" އެހެން ބުނެލާފައި ރިހާމް، ވޮލެޓު ނެގިއެވެ. އެއަށްފަހު އޭގެން ނެތި ފައްސަތޭކައިގެ ދެ ނޫޓު އައިރާއަށް ދިއްކޮށްލިއެވެ. އެވަގުތަކީ ޒަހްރާންވެސް ނުކުތް ވަގުތެވެ. ދޮރު ހުޅުވުނު އަޑަށް ރިހާމްއަށްވެސް ބަލައިލެވުނެވެ. އެހެންނަމަވެސް، މާބޮޑު ސަމާލުކަމެއް ނުދީ އޭނަ އަނެއްކާވެސް އައިރާއަށް ނަޒަރު ހުއްޓައިލިއެވެ. ޒަހްރާންގެ ލޮލުގައި އެ މަންޒަރު އަޅައިގަތުމުން ހިތަށް ނުބައި ގޮތެއް ވެލިއެވެ. "ފައިވް ކޭއެއް މިރޭ އަދި ޓްރާންސްފަރ ކޮށްލާނަން އިނގޭ..." ރިހާމް އެހެން ބުނެލިއިރު، އޭނަ ހުރީ ޒަހްރާނަށް ފުރަގަސްދީގެންނެވެ. ޒަހްރާނަށް ބަލައިލެވުނީ އައިރާއަށެވެ. ކުޑަވަގުތުކޮޅަކަށް އައިރާގެ ނަޒަރުވެސް ޒަހްރާނަށް ހުއްޓުނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ޒަހްރާންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނަގެ ވިސްނުން ކުޑަކޮށް ކިލަނބުވީކަން އައިރާއަށް ވެސް ދެނެގަނެވުނެވެ. އެއާއެކު އޭނަގެ ހިތަށް ކުޑަކޮށް އުނދަގޫވިއެވެ. ލިފްޓް އައުމުން ރިހާމް ލިފްޓަށް އެރިއެވެ. ޒަހްރާންވެސް މެއެވެ. ތިރިއަށް ލިފްޓު ގޮސް ހުއްޓުމާއެކު، ރިހާމް ފޭބުމުންވެސް ޒަހްރާނަށް ހުރެވުނީއެވެ. އޭނަ އާނބުރާ އެރީ މައްޗަށެވެ. ބޭރަށް ދާ ހިތްވެސް ނެތުނީއެވެ. ފެނުނު މަންޒަރުން ޤަބޫލުކުރަންވީ ކީކޭކަމެއް ޒަހްރާނަކަށް ނޭނގުނެވެ. އައިރާގެ މައުސޫމްކަމުގެ ފަހަތުގައި ފޮރުވިފައިވަނީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ހެއްޔެވެ؟ އައިރާއަކީ ހަމަ އަސްލުވެސް، ގޯސް އަންހެން ކުއްޖަކީ ހެއްޔެވެ؟ ނޫނެކެވެ. އެގޮތަށް ޤަބޫލުކުރާކަށް ޒަހްރާންގެ ޒަމީރު ޤަބޫލެއް ނޫނެވެ. އެހެންނަމަވެސް، ފެނުނު މަންޒަރުންނާ އިވިފައި ހުރި ވާހަކަތަކުން، މިފަހަރު ޒަހްރާނަށްވެސް އެކަމުގެ މާނަ ނެގުނީ އެންމެ ނުބައިކޮށެވެ. ލިފްޓުން ފޭބުމަށްފަހު، އައިރާގެ އެޕާރޓްމެންޓު ކައިރިއަށް ގޮސް އޭނަ ހުއްޓުނެވެ. ރެސްޓޯރެންޓުން ފެނުނު މަންޒަރުވެސް އެވަގުތު ހަނދާންވިއެވެ. އެ ޒުވާނާއާ އައިރާއާ އޮތް ގުޅުން ނޭނގޭތީ ސިކުނޑީގެ ނާރުތަކަށް ވާންވަމުން ދިޔައެވެ. އެންމެފަހުން ޒަހްރާން އައިރާ އުޅޭ އެޕާރޓްމެންޓުގައި ބެލް އަޅާލައިފިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ