ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
ކުރިއަށްއޮތް ގަޑިތަކުގައި ގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް މިރޭ 9:30އިން ދަންވަރު 3:30އަށް، މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހުއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް އެވްރެޖްކޮށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 15 މޭލާއި، 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެެވެ.
އެ އިދާރާއިން ވިދާޅުވީ، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށެވެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވިދާޅުވިއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 8-5 ފޫޓު ހުންނާނެކަމަށާއި، އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 46-3 ފޫޓު ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ވިއްސާރައިގައި ފެންބޮޑުވެދާނެ ކަމަށް ބަލާ ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި އެއްލާލާނެ ފަދަ ތަކެތި ވައު ބޭނުންކޮށް އައްސާފައި ބެހެއްޓުމަށް އިދާރާތަކުން އިރުޝާދު ދެއެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
40 މޭލަށް ވައި ގަދަވާނެ، އުދައެރުން އެކަށީގެންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ