ސްކޫލް ބަންދާ ދިމާކޮށް މެރިން ޕޮލިހުން ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެރިން އެންފޯސްމަންޓާއި، މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މިޕްރޮގްރާމުގެ ތެރޭގައި މައުލޫމާތު ދެމުންގެންދާނެއެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މިޕްރޮގްރާމުގެ ތެރެއިން މަޢުލޫމާތުދޭނެއެވެ.
މީގެ އިތުރުން އޮޑިދޯނިފަހަރާއި ބޯޓުތަކަށް މުދާ ބަރުކޮށްގެން ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްވެސް މިޕްރޮގްރާމުގެ ތެރެއިން ކުރަމުންގެންދާނެ ކަމަށް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.
ސްކޫލް ބަންދާ ދިމާކޮށް ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ