ޑްރޯން ކެމެރާ އެރުވުމަކީ މަނާކަމެއް ކަމުގައި ސްވީޑެންގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި
ވައިގެ ތެރޭގައި ދުއްވާ ޑްރޯންތަކުގައި ކެމެރާ ހަރުކޮށްގެން ޑްރޯން ދުއްވުމަކީ ސްވީޑެންގައި ގާނޫނާ ޚިލާފު، މަނާ ކަމެއްގެ ގޮތުގައި އެގައުމުގެ އެންމެ މަތީ ކޯޓުން ކަނޑައަޅައިފިއެވެ. ސްވީޑެންގެ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓު، ނުވަތަ އިދާރީ ކަންކަމާ ބެހޭ އެންމެ މަތީ ކޯޓުން އެކުލަވާލި ގަވައިދެއްގައި ވަނީ، ކެމެރާ ޑްރޯންއަކީ ސާވޭލަންސް ކެމެރާ ނުވަތަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތަނެއް މޮނީޓަރ ކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން ކެމެރާ ޑްރޯން ބޭނުންކުރުމަށް ލައިސަންސެއް ބޭނުންވާނެއެވެ. މި ލައިސެންސް ހޯދުމަށް ހުށަހަޅަންޖެހޭ ފީއަކީ ބޮޑު އަދަދެއް ކަމުގައިވާ އިރު، ލައިސެންސަށް އެދި ހުށަހެޅިޔަސް އެ ލައިސެންސް ލިބޭނެކަމުގެ ގެރެންޓީއެއް ނޯޥެއެވެ. ސުޕްރީމް ކޯޓުގެ ގަވައިދުގެ ދަށުން އެއްވެސް ބަޔަކު އެކަމުން އިސްތިސްނާއެއް ނުވެއެވެ. ނޫސްވެރިންނާއި ފޮޓޯގްރާފަރުންނަށް ވެސް، އެމީހުންގެ ވަޒީފާގެ ބޭނުމަށް ވެސް ކެމެރާ ޑްރޯންގެ ބޭނުން ނުކުރެވޭނެ އިރު، ބައެއް މީހުން ބުނާ ގޮތުގައި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީއަށް މިކަމުން ބުރޫ އަރާނެއެވެ. ސްވީޑެންގައި ޑްރޯން އިންޑަސްޓްރީއާ ބެހޭ ޖަމިއްޔާ، "ޔޫއޭއެސް ސްވީޑެން"އިން ބުނާ ގޮތުން ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ސަބަބުން 5،000 މީހުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އުފެދިފައިވެއެވެ. ޑްރޯންއަކީ އޭރިއަލް ފޮޓޯގްރަފީގެ ދާއިރާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެންމެ ގިނަ ބަޔަކު މިހާރު ބޭނުންކުރަމުން އަންނަ ވަސީލަތެވެ. އެހެން ނަމަވެސް ޑްރޯންގެ ސަބަބުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފާނެތީ، ބައެއް ގައުމުތަކުގައި ވަނީ ޑްރޯން ނުދުއްވޭނެ ސަރަހައްދުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން މާލޭގައި ވެސް ޑްރޯން ނުދުއްވޭ ބައެއް ސަރަހައްދުތައް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ