ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމަކާ ދެކޮޅަށް ހުންނެވީ މައުމޫން: އާރިފް

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވާހަކަތައް ހުންނަނީ އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ފާޑުވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާރިފް ވިދާޅުވީ ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގައި މައުމޫން ގެންދަވަނީ ދެކޮޅު ހައްދަވަމުން ކަމަށެވެ. "ރައީސް މައުމޫން އިއުލާން ކުރައްވާފަ އޮތީ ދެއްތޯ ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފީމޭ. ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގެ އިދިކޮޅަށް އެ ހުންނެވީ. އެހެންވީމަ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ހުންނަ ގޮތަށޭ ރައީސް މައުމޫންގެ ވާހަކަވެސް އެހެރީ،" އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާ ކުރައްވާ އާރިފް ވިދާޅުވިއެވެ. ރައީސް ޔާމީން ފެކްޝަނުން ބޭއްވި ޕީޕީއެމްގެ ބޮޑު ޖަލްސާ އަށް މީހުން ގޮސްފައި ވަނީ އެ މީހުންނަށް ސަރުކާރުން މަޖުބޫރު ކުރުވުމުން ކަމަށް މައުމޫން ވިދާޅުވެފައި ވާތީ އެކަމަށް ވެސް އާރިފް ވަނީ ރައްދުދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މަޖުބޫރީ ހާލަތެއްގައި އެއްވެސް ބޭފުޅަކު ޖަލްސާއަށް ވަޑައިނުގަތުމަށް މީޑިއާ މެދުވެރިކޮށް އެބޭފުޅުން ވަނީ ދަންނަވާފައި ކަމަށެވެ. އިއްޔެ ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ ރައީސް ޔާމީން ފެކްޝަނުން ބޭއްވި ޖަލްސާ އަށް މަޖުބޫރުން ނަމަވެސް ވަޑައިގެންނެވީތީ މަރުހަބާ ކިޔާ ކަމަށެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ސަރުކާރުގައި ހުރި ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ދެއްކެވުމުން އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް "އެމްޑީޕީގެ ލޭބަލް" އަޅުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ