ޓެކްސީއަކަށް އެރި އަންހެން ކުއްޖަކާ ބެހެން އުޅުނު ޑްރައިވަރެއްގެ މައްސަލަ ބަލަން ފަށައިފި

ޓެކްސީއެއް ތެރޭ ޒުވާން އަންހެންކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަން މަސައްކަތްކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، އެ ޓެކްސީ ޑްރައިވަރު ބެހުނީ އެސްޓީއޯގައި މަސައްކަތްކުރާ އުމުރުން 20 އަހަރުގެ އަންހެންކުއްޖަކާ އެވެ. އޭނާ އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ މިއަދު ހެނދުނު ކަށަވަރުކޮށްދީފަ އެވެ.
އެސްޓީއޯގައި މަސައްކަތްކުރާ ހަސަން އިބްރާހިމް މިއަދު ބުނީ، އެ އަންހެންކުއްޖާ އިއްޔެ ޓެކްސީއަށް އެރީ އެސްޓީއޯ ހެޑް އޮފީހުގައި މަސައްކަތްކުރަން ހުރުމަށްފަހު، 1:30 އެހާކަންހާއިރު ބްރޭކް ގަޑިއަށް ގެއަށް ދާށެވެ. އަންހެންކުއްޖާ ގުޅީ 1414 ޓެކްސީ ސެންޓަރަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ހަސަން ބުނީ އަންހެން ކުއްޖާ ގޮވައިގެން އެ ޓެކްސީ ޑްރައިވަރު ގޮސް މަޑުކުރީ ކަސްޓަމްސްގެ ލޮރީ ޕާކުކުރާ ސަރަހައްދަށް ކަމަށާއި އެތަނަށް ގޮސް، ގަދަކަމުން އަންހެންކުއްޖާއާ ބެހެން މަސައްކަތްކުރީ ކަމަށެވެ.
"ކަސްޓަމްސްގެ ލޮރީ ޕާކުކުރާ ސަރަހައްދަށް ގެންގޮސް، ދެ ލޮރީދޭތެރޭ ޕާކުކޮށްފައި ބެހެން މަސައްކަތްކުރީ. އަންހެންކުއްޖާގެ ހެދުމުގައި ވަރަށް ބާރަށް ހިފައިފައި ދަމައިގަތީމަ ކަރުވަޅުން ވަރަށް ބޮޑަށް އިރައިގެންވެސް ދިޔަ. އަނގަމަތީގައި ވަރަށް ބާރަށް ހިފައިފައި ހުރިތަން އެބަހުރި ރަތްވެފައި. ހެދުމުގައި ހިފައި ބެހެން އުޅުނީމަ އަންހެންކުއްޖާ ހަޅޭލަވައި ދޮރުގައި ތެޅީ. އެކަމަކު ކަޅުބިއްލޫރި ޖަހައިފައި ހުރީމަ ބޭރަކަށް ވެސް ނުފެންނާނެ އެއްނު،" މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދުގެ ފިރިމީހާ، ހަސަން ބުންޏެވެ.
އޭނާ ބުނީ، އެތަނުން އެ ޑްރައިވަރު ނައްޓާލީ އަންހެން ކުއްޖާ ރޮއެ، އަޑުގަދަކުރަން ފެށުމުން ކަމަށާއި ޓެކްސީ ދުއްވައިފަ ދިޔައިރު ވެސް އެކިފަހަރުމަތިން އޭނަ ގަޔަށް އަތްލައި، ބެހެން މަސައްކަތްކުރި ކަމަށެވެ. އެ އަންހެންކުއްޖާ ސަލާމަތްވީ، ޗާނދަނީ މަގުން ދުއްވައިފަ ގޮސް މަޖީދީގަމަށް ނުކުންނަން ލައިޓުގައި މަޑުކޮށްގެން އޮއްވައި، އަންހެންކުއްޖާ ޓެކްސީން ފޭބުމުން ކަމަށް ވެސް ބުންޏެވެ.
"ދުއްވަމުންދިޔައިރު އަންހެންކުއްޖާއަކަށް ނުފޭބޭނެއްނު ދޯ. އޭނަ ބުނީ ޗާނދަނީމަގު ލައިޓްކައިރިއަށް މަޑުކުރީމަ ޓެކްސީން އަވަހަށް ފައިބަން އުޅުނީއޭ. އެކަމަކު ފައިބަން އުޅުނީމަ ޑްރައިވަރު ފަހަތަށް އެނބުރި ވަރަށް ބާރަށް އަނގަމަތީގައި ހިފީ. އެވަގުތު ދެން ބުރުގާގަ ޖަހާފައި އިން ޕިނެއް ނަގައި ޑްރައިވަރުގެ އަތަށް ހެރީމަ، ދޫކޮށްލި ވަގުތު އަވަހަށް ފޭބީ،" ހަސަން ބުންޏެވެ.
ޓެކްސީން ފޭބުމަށްފަހު އަންހެން ކުއްޖާ ދުވެފައި ގެއަށް ގޮސް އޮފީސް މީހުންނަށް ގުޅައި އެވާހަކަ ކިޔައިދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ގުޅައިފައި ކިޔައިދިނީ ފުރަތަމަ. އެ ހެންކުއްޖެއްގެ ފަރާތުން އަޅުގަނޑަށް ވެސް އެ މައުލޫމާތު ލިބުނީމަ ބުނިން އެންމެ ރަނގަޅުވާނީ ފުލުހުންނަށް ހުށަހެޅުމޭ. އެހެންވެ، އަޅުގަނޑު ދިޔައީ އޭނަ ގޮވައިގެން ފުލުސް އޮފީހަށް ވެސް. ގޮސް އެތަނުގެ އެފްޕީޔޫ ޔުނިޓަށް މައްސަލަ ހުށަހެޅީ ފުރަތަމަ. އެކަމަކު ފުލުހުން ބުނި އެ މައްސަލަ ބަލާނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުންނޭ." ހަސަން ބުންޏެވެ.
އޭނާ ބުނީ، އިއްޔެ މެންދުރު އެސްޓީއޯ ހެޑް އޮފީހަށް ފޮނުވި 1414ގެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ފުލުސް އޮފީހަށް ހާޒިރުކޮށް އަންހެންކުއްޖާއަށް ދެއްކުމުން އެއީ ބެހެން މަސައްކަތްކުރި ޑްރައިވަރު ނޫން ކަމަށް އަންހެންކުއްޖާ ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ އަންހެންކުއްޖާ އެރީ 1414ގެ ޓެކްސީއަކަށްކަން އޭނައަށް ގެރެންޓީ ކަމަށް ވެސް ހަސަން ބުންޏެވެ.
ނަމަވެސް، ސާދަސާދަ ޓެކްސީ ސެކްޓަރުން އެކަން ދޮގުކުރެ އެވެ. އެ ޓެކްސީ ސެންޓަރުގެ ވެރިފަރާތުން ބުނީ، އެގަޑީގައި އެތަނަށް ފޮނުވި ސެންޓަރުގެ ކާރުގެ ޑްރައިވަރު އެއީ ބެހެން އުޅުނު މީހާ ނޫން ކަމަށް އަންހެންކުއްޖާ ބުނެފައިވާތީ، އެކަން ހިނގައިފައިވަނީ އެ ސެންޓަރުގެ ކާރެތެރޭ ނޫން ކަން އެނގޭ ކަމަށެވެ.
"އެގަޑީގައި ބްރޭކަށްދާން ހަމައެކަނި 1414ށް ނޫންދޯ ގުޅާނީ މީހުން. އެހެންވެ، އެއިން ޓެކްސީއަކަށް އެރީކަމަށް ވެދާނެ. ގައިމުވެސް އަޅުގަނޑުމެންގެ ޓެކްސީއެއްތެރޭ ތިކަމެއް ނުހިނގާ. އެއީ ހުސް ދޮގު." ސާދަސާދައިގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް އަފީފް ބުންޏެވެ.
ނަމަވެސް، ހަސަން ބުނީ، އެ ގަޑީގައި އޮފީސް ކައިރިއަށް މަޑުކުރި ކަމަށްވަނީ ދެ ކާރެއް ކަމަށާއި އެ ދެ ކާރަކީ ވެސް 1414ގެ ދެ ކާރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ