ތަފާތު ބޮޑު ނަތީޖާއަކުން ޝާލްކޭގެ މައްޗަށް ކުރި ހޯދާ ރެއާލް ކުއާޓާއާ ގާތަށް

1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޝާލްކޭގެ މައްޗަށް ކުރި ހޯދާ ސްޕެއިންގެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް އެޓީމުން ޖެހީ މެޗުގެ 13 ވަނަ މިނެޓްގައެވެ.ރޮނާލްޑޯ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގް ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއެވެ. ރެއާލްގެ ދެވަނަ ގޯލް މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ވޭލްސް ވިންގަރ ގެރެތް ބޭލްއެވެ.
ރެއާލްގެ ތިންވަނަ ގޯލް މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ 3 މެޗުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.ރޮނާލްޑޯ ދިން ޕާހަކުން ރެއާލްގެ ހަތަރުވަނަ ގޯލް މެޗުގެ 57 ވަނަ މިނެޓްގައި ބެންޒެމާ ކާމިޔާބުކޮށްދިން އިރު ރާމޯސް ދިން ޕާހަކުން ރެއާލްގެ ފަސްވަނަ ގޯލް މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބޭލްއެވެ.އަދި ރެއާލްގެ ހަވަނަ ގޯލް މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި މުބާރާތުގައި ކާމިޔާބުކުރި 11 ވަނަ ގޯލްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ޝާލްކޭއަށް ސުން ކަނޑުވާލަދިން ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހޮލެންޑް ފޯވާޑް އަދި ކުރިން ރެއާލްއަށް ވެސް ކުލެފައިވާ ހަންޓެލާއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނީ މި މެޗަކީ ރެއާލްއަށް ވަރަށް ފަސޭހަކޮށް ދިޔަ މެޗެއްކަމަށާއި ހާއްސަކޮށް ކުރިއަށް ކުޅުނު ތިން ކުޅުންތެރިން ގޯލްޖަހާ ޓީމަށް ވަރަށް ބޮޑަށް އެހީތެރިވި ކަމަށެވެ.ދެވަނަ ލެގާ ކުރިމަތިލާއިރު ބޮޑު ލީޑެއް ލިބިފަ އޮތްނަމަވެސް ދެވަނަ ލެގުގައި ވެސް ރެއާލް އެޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން މަސައްކަތްކުރާނެ ކަމަށްވެސް އެންޗެލޯޓީ ބުޏްނެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ