ކުރީގެ މެމްބަރު އަމީން އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ޑރ. އަފްރާޝިމް އަލީގެ ކޮއްކޮ އިބްރާހިމް އަމީން ހަތަރު އަހަރަށް އަރުވާލުމަށް މިދިޔަ އަހަރު ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
އަމީން އަރުވާލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ 2004 އިން 2006 އާ ހަމައަށް އުނގޫފާރު އޮފީހުގައި އޭނާ ވަޒީފާ އަދާކުރެއްވިއިރު އެރަށު ރައްޔިތުންގެ އިންޖީނުގެއިން އެރަށު އޮފީހަށް ދެއްކި ފައިސާގެ ތެރެއިން 36،000 އަށް ވުރެ ގިނަ ރުފިޔާއަށް އޭނާ ހިޔާނާތްތެރިވުމާއި ގުޅިގެން ކަަމަށް ކަނޑައެޅުމަށްފަހު އެވެ. އަމީން އަރުވާލުމުގެ އިތުރަށް އޭނާ ހިޔާނަތްތެރިވި ކަަމަށް ބުނާ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
އަމީނަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރި ނަމަވެސް ބާތިލް ކުރި ސަަބަބު ވަނީ ސާބިތުވާ ގޮތް ނުވެފަ އެވެ.
ދަށު ކޯޓުން ކުރި ހުކުމަކީ އޭނާގެ ގޮނޑި ގެއްލޭވަރުގެ ހުކުމަކަށް ވީނަމަވެސް ދަށު ކޯޓުން ހުކުމްކުރީ އޭނާ މެންބަރުކަން ކުރެއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވި ފަހުންނެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަމީން ކުރިމަތިލައްވާފައެއް ނުވެ އެވެ.
އަމީނަށް އުނގޫފާރު ދާއިރާގެ ގޮނޑި ލިބިވަޑައިގެންނެވީ އަފްރާޝިމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
އަމީންގެ އިތުރުން އޭނާގެ ބޭބެ އަދި އުނގޫފާރު ކައުންސިލްގެ ކުރީގެ ރައީސް އަބްދުއްނާސިރު އަލީ 11 އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ