ހަނޑޫ ފެނުގެ ސިއްރު: ހަންގަނޑު އޮމާންކޮށް، އިސްތަށިގަނޑު ވަރުގަދަކުރުމަށް ހަރަދު ކުޑަ އަދި ގުދުރަތީ ފަރުވާއެއް

ހަނޑޫ ދޮއިފައި ހުންނަ ގަރަކީ ނުވަތަ ހަނޑޫ ފެނަކީ އިހުޒަމާނުއްސުރެ އިސްތަށިގަނޑު ވަރުގަދަކޮށް ރީތިކުރުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން ޖަޕާނުގައި މިކަން ކޮށްފައިވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. ނަމަވެސް މިހާރަކަށް އައިސް ގަރަކީ ހަމައެކަނި އިސްތަށިގަނޑަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، ހަމުގެ ފަރުވާތަކަށް ވެސް މަގުބޫލު އެއްޗަކަށް ވަނީ ވެފަ އެވެ. މިއީ ގޭގައި ވަރަށް ފަސޭހައިން އަދި ހަރަދު ކުޑަކޮށް ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.
ހަނޑޫ ފެނުން ހަމުގެ ސިއްހަތަށް ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވެ އެވެ. މީގެ ތެރޭގައި ހަންގަނޑު އަލިކުރުމާއި، ކުލަ އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާތައް ހިމެނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެން މޫނު ދޮވުމަކީ ހަންގަނޑު އޮމާންކޮށްދީ، މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވައިދޭ ކަމެކެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ދިރާސާތަކުން ދައްކާ ގޮތުގައި، ހަނޑޫ ފެން ކުޑަކޮށް ހުތްކޮށްގެން ބޭނުންކުރުމުން އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދީ، ރޫޖެހުން ކުޑަކޮށްދެ އެވެ. އަދި އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދިނުމުގެ ބާރުވެސް އެކުލެވިގެންވެ އެވެ.
ހަންގަނޑު ހިކުމާއި ހިރުވުން ފަދަ މައްސަލަތަކަށްވެސް މިއީ ރަނގަޅު ފަރުވާއެކެވެ. ހާއްސަކޮށް ސައިބޯނި ފަދަ ތަކެތީގައި ހުންނަ ބާރުގަދަ ކެމިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ދުވާލަކު ދެފަހަރު ހަނޑޫ ފެނުން މޫނު ދޮވުމަކީ ފައިދާހުރި ކަމެކެވެ. މީގެ އިތުރުން، އިސްތަށިގަނޑު ބްލީޗް ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެސް ހަނޑޫ ފެނުގައި ހުންނަ "އިނޮސިޓޯލް" ކިޔާ މާއްދާއެއް އެހީތެރިވެދެ އެވެ.
ހަނޑޫ ފެން ތައްޔާރުކުރުމަށް މައިގަނޑު ތިން ގޮތެއް ބޭނުންކުރެވެ އެވެ. ފުރަތަމަ ގޮތަކީ ހަނޑޫ ކައްކައިގެން ފެން ނެގުމެވެ. ދެވަނަ ގޮތަކީ ހަނޑޫ ފެނަށް އަޅާފައި ބައިގަޑިއެއްހާއިރު ބެހެއްޓުމަށްފަހު އެ ފެން ބޭނުންކުރުމެވެ. ތިންވަނަ ގޮތަކީ ހަނޑޫ ފެން ފާމަންޓް ކުރުމެވެ. މިގޮތަށް ހަދާއިރު، ހަނޑޫ ފެން އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން ބޭރުގައި ބެހެއްޓުމަށްފަހު، ކުޑަކޮށް ހުތް ރަހައެއް ދޭން ފެށުމުން އައިސްއަލަމާރިއަށް ލައިގެން ބޭނުންކުރާނީ އެވެ. ކައްކައިގެން ނުވަތަ ފާމަންޓް ކޮށްގެން ބޭނުންކުރާއިރު އާދައިގެ ފެން ކުޑަކޮށް އެއްކޮށްލުން މުހިންމެވެ.
ހަނޑޫ ފެން ބޭނުންކޮށްގެން މޫނު ސާފުކުރާ "ޓޯނާ" އާއި، ޝޭމްޕޫ އަދި ހަންގަނޑު މަޑުކޮށްދޭ "ބޮޑީ ސްކްރަބް" ފަދަ ތަކެތި އަމިއްލައަށް ތައްޔާރުކުރެވިދާނެ އެވެ. ނަމަވެސް ހަނޑޫ ފެން ބުއިމުގައި ސަމާލުވާންޖެހެ އެވެ. ބައެއް މީހުން މައިދާގެ މައްސަލަތަކަށް ހަނޑޫ ފެން ބުއިމަށް ލަފާދިން ނަމަވެސް، ހަނޑޫ ފެނުގައި އާސެނިކް ފަދަ ވިހަ މާއްދާތައް ހުރެދާނެތީ، ގިނައިން ބުއިމަކީ ސިއްހީ އެކި މައްސަލަތަކަށް މަގުފަހިވެދާނެ ކަމެކެވެ.
ހަނޑޫ ފެނުގެ ގިނަ ފައިދާތަކެއް ހުރިކަމަށް އާންމުން ގަބޫލުކުރި ނަމަވެސް، ބައެއް ކަންކަމަކީ ސައިންޓިފިކް ގޮތުން އަދި މުޅިން ސާބިތުވެފައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން، ހަމުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާއިރު ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އާދައިގެ ގޮތެއްގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ހަނޑޫ ފެނަކީ ރައްކާތެރި އަދި ފައިދާ ހުރި އެއްޗެއްކަން ފާހަގަކުރެވެ އެވެ.
މައުލޫމާތު: ހެލްތުލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ