މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ އިޖުރާތުތައް ހިމެނޭ ގަވައިދު ސަރުކާރުން ގެޒެޓުގައި ޝާއިއުކުރެވުމުން މިއަދުން ފެށިގެން މަރުގެ ހުކުމް ހުކުމް ތަންފީޒުކުރުމުގެ ގަވައިދަށް އަމަލުކުރަން ފެށުނީ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ އިޖުރާތުތައް ހިމެނޭ ގަވައިދު ގެޒެޓުގައި ޝާއިއުކުރެވިފައިމިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް މިނިސްޓަރު އުމަރު އަމުރުކުރައްވާފައިވަނިކޮށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ ގޮތުން ކެބިނެޓުގައި ވެސް މަޝްވަރާކޮށްފައިވަނިކޮށެވެ. ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ގަވައިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރިކަން ހާމަކުރެއްވީ ވެސް އުމަރު ނަސީރެވެ.
ގަވައިދުގައި ހިމެނޭ ކަންކަން ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން މަރުގެ ހުކުމް ކުރެވިފައިވާ މީހާ އާއި މަރާލެވިފައިވާ މީހާގެ ވާރިސުންގެ ފަރާތުން އިމީޑިއޭޓްކުރަންޖެހޭ ކަމަށާއި އިމީޑިއޭޓްކުރާ ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ދައުލަތުގެ ތިން މުއައްސަސާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާތައް ފުރިހަމަވެފައިވާކަން އަންގަން ޖެހޭނެ ކަމަށާއި އެ ތިން މުއައްސަސާއަކީ ޕްރޮސެކިއުޓާ ޖެނެރަލާއި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ފަރާތަކާއި ކަރެކްޝަނަލް ސާވިސް ކަމަށެވެ.
"މިދަންނަވާ ލިޔުންދޭތާ ތިން ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވާނެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމުރެއް ކަރެކްޝަނަލް ސާވިސްއަށް ދޭން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މަރުގެ ހުކުމް ފަސްކުރެވޭނެ ހާލަތްތަކެއް މި ގަވައިދުގައި ބުނެފައިވާ ކަމަށާއި އެގޮތުން ކުށް ސާބިތުވެފައިވާ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ އޭނާއަށް 18 އަހަރުފުރެންދެން އަދަބު ތަންފީޒުނުކޮށް މަޑުކުރުމާއި ކުށް ސާބިތުވެފައިވާ މީހަކީ މާބަނޑު މީހެއްނަމަ އެމީހެއްގެ ބަނޑުގައި އޮންނަ ދަރިފުޅު ވިހައި އެދަރިފުޅަށް ދެއަހަރު ފުރެންދެން އަދަބު ތަންފީޒުނުކުރެވޭނެ ކަމަށާއި ކުށް ސާބިތުވެފައިވާ މީހަކީ މާބޮޑަށް ބަލިހާލަތު ދެރަ މީހެއް ކަމުގައިވާނަމަ އެމީހާ ގަދަވަންދެން މި އަދަބު ތަންފީޒުނުކޮށް މަޑުކުރަންޖެހޭނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރާ ދުވަހު ވާރިސުންގެ ބަހެއް ހޯދަން ޖެހޭނެ ކަމަށާއި އެދުވަހު އެންމެ ވާރިސަކު ވެސް އެކަމާ ދެކޮޅު ހަދައިފި ނަމަ މަރުގެ ހުކުމް ތަންފީޒު ނުކޮށް އެކަން ސުޕްރީމް ކޯޓަށް އަންގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުށް ސާބިތުވެފައިވާ މީހާ މެރުމަށް ކަނޑައެޅިފައިވާ ދުވަހު އޭނާގެ އާއިލާ އާއި ބައްދަލުކުރެވެން ޖެހޭނެ ކަމަށާއި އަދި އޭނާގެ އެންމެ ފަހުގެ ވަސިއްޔަތަކީ ކޮބައިކަން ސާފުކުރަން ޖެހޭނެ ކަމަށެވެ.
ލީތަލް އިންޖެކްޝަން ބޭނުން ކޮށްގެން މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ދާއިރު، ގަވާއިދުގައިވާ ގޮތުން ކޯޓް މަރުހަލާ ނިމުމަށް ފަހު އެ ހުކުމެއް ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަރެކްޝަނަލް ސާވިސްއަށް އަންގާވާތާ ހަތް ދުވަހުގެ ތެރޭގައި އެ ހުކުމް ތަންފީޒު ކުރަން ޖެހެއެވެ.
ހުކުމް ތަންފީޒު ކުރުމަށް ފަހު، އެމީހެއްގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރަންވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އާއިލާއިން ހަވާލު ނުވެއްޖެނަމަ އޭނާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުގެ ފަރާތުންނެވެ.
މިއަދު ގެޒެޓް ކުރި ގަވައިދަށް ކިޔަނީ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމުގައްޔާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތާއި ބެހޭ ގަވާއިދު" އެވެ.
މި ގަވައިދުގައި އިތުރަށް ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒުކުރާނީ މާފުށީ ޖަލުގައި އެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ކޮމިޝަނާ އޮފް ޕްރިޒަންސާއި ކަރެކްޝަނަލް ސާވިސުން ކަނޑައަޅާ ޑޮކްޓަރެއްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅާ ވަކީލަކާއި ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުންގެ ތެރެއިން ތިން މީހެއްގެ ހާޒިރުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.
އުމަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ގާއިމްކުރަންޖެހޭ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އެކަމަށް މާ ބޮޑު ހަރަދެއް ނުދާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ މީހަކަށް މަރުގެ ހުކުމް އިއްވައި، ހުރިހާ މަރުހަލާއެއް ނިމޭ އިރަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސް އޮންނާނީ ތައްޔާރުވެފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ގަވާއިދު ގެޒެޓް ކުރި އިރު އަޅުގަނޑުމެން ބެލީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުން. ދަށު ކޯޓު، ހައި ކޯޓު، ސުޕްރީމް ކޯޓާއި އަދި ގަވާއިދުގައި ބުނާ ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަވެގެން އައުން. އޭރަށް އަޅުގަނޑުމެން ގަބޫލުކުރަނީ ހުރިހާ ފުރޭންޏަކުން ފުރޭނިފައި ކަމަށް އެހެރީ. ދެން ކުށް ނުކުރާ މީހަކަށް އަދަބު ދިނުމުގެ ފުރުސަތު ވަރަށް ދުރު ފުރުސަތެކޭ އަޅުގަނޑު ދަންނަވާނީ." އުމަރު ވިދާޅުވި އެވެ.
ގަވައިދު ގެޒެޓްކުރެވުމުން މިއަދުން ފެށިގެން މަރުގެ ހުކުމް ތަންފީޒުކުރެވޭނެ - މިނިސްޓަރު އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ