6 ރަށެއްގެ ސްކޫލް އިތުރަށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

6 ރަށެއްގެ ސްކޫލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ސްކޫލްތަކަކީ އއ. މާޅޮހު ސްކޫލް، ގއ. ކަނޑުހުޅުދޫ ސްކޫލް، އައްޑޫ ހައި ސްކޫލް، ނ. މިލަދޫ ހިދާޔާ ސްކޫލް، ހއ. އަތޮޅު ތައުލީމީ މަރުކަޒު އަދި ށ. ނަރުދޫ ސްކޫލް ކަމަށެވެ.
އއ. މާޅޮހު ސްކޫލުގައި 4 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށް ބީލަމަށް ހުޅުވާލާފައި ވާއިރު، މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000ރ. ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ގއ. ކަނޑުހުޅުދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށް ހުޅުވާލާފައި ވާއިރު، މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހެއެވެ.
އައްޑޫ ހައި ސްކޫލްގައި 12 ކްލާސްރޫމް އިމާރާތްކުރުމަށް 50،000ރ. ހުށަހަޅަންޖެހޭ ކަމަށާއި، ނ. މިލަދޫ ހިދާޔާ ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000ރ. ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓިގެ ގޮތުގައި 70،000ރ. ހުށަހަޅަން ޖެހޭއިރު، ށ. ނަރުދޫ ސްކޫލް 3 ބުރި އިމާރާތުގެ މަސައްކަތަކަށް 72،500ރ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.
ފައިސާ ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިމަސައްކަތްތަކަށް ބީލަން ހުޅުވުން އަންނަ އޭޕްރިލް މަހުގެ 13 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ