ހިރިޔާ ސްކޫލް ކައިރިން ސަރުކާރު ކާރެއްގައި ތިބި ބަޔަކު ހައްޔަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަ ފުލުހުންނާއި އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.
މިރޭ ހިރިޔާ ސްކޫލް ކައިރިން ސަރުކާރުގެ އިސް ބޭފުޅަކު، އެމްއެންޑީއެފްއިން ބިޑި އަޅުވައި ހައްޔަރުކުރި ކަމަށް އަޑު ފެތުރިފައިވާއިރު މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ މިރޭ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވެސް ވަނީ ހިރިޔާ ސްކޫލް ކައިރިން މީހަކު ހައްޔަރު ނުކުރާކަން ކަށަވަރު ކޮށްދެއްވާފައެވެ.
ސަރުކާރުގެ އިސް ބޭފުޅެއް ހައްޔަރުކުރި ކަމަށް އަޑުތައް ފެތުރުނުއިރު މިރޭ ވަނީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ދިރިއުޅުއްވަމުން ގެންދާ ހ.ހިޔާކޯޅި ފުލުހުން ބަލައި ފާސްކޮށްފައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު، އަދި މިނިސްޓަރ އޮފް ޔޫތު އަހްމަދު ޒުހޫރު ވެސް ދިރިއުޅުއްވާ މިގެއަށް ފުލުހުން ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ..
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ފުލުހުން އެގެއަށް ވަނީ "ބަލަމުންދާ މައްސަލައަކާއި ގުޅިގެން" ކަމަށެވެ. މައްސަލައިގެ ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
ފުލުހުން މިރޭ 22:00 ހާއިރު ފުރަތަމަ ވަނީ ހިޔާކޯޅި ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށެވެ. އެއަށް ފަހު އެގޭގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ބަލައި ފާސްކުރި އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓެވެ.
ދޮޅު ގަޑިއެއްހާ އިރު ވަންދެން ހިޔާކޯޅި ގޭގެ ގެ ތެރޭގައި ހަރަކާތްތެރި ވުމަށް ފަހު ފުލުހުން އެގެއިން ނިކުތްއިރު ގިނަ އަދަދެއްގެ ކޮތަޅުތަކެއް ނެރުނެވެ. ބެލެވޭ ގޮތުގައި އެއީ އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލިޔުންތަކެއް އަޅާފައި ހުރި ކޮތަޅު ތަކެކެވެ.
ހިރިޔާ ސްކޫލް ކައިރިން ސަރުކާރުގެ ބޭފުޅެއް ހައްޔަރުކުރި ވާހަކަ ސަލާމަތީ ބާރުތަކުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ