ވައިގެ ތެރޭގައި ހުންނަ ކާބަންޑައިއޮކްސައިޑުން ކަރަންޓު އުފެއްދުމަށް ސައިންސްވެރިން ތައްޔާރުވަނީ

ޖައްވު ހޫނުވުމާއި ހަކަތައިގެ މައްސަލައަކީ ތިމާވެށީގެ ގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކެވެ. މި ދެ މައްސަލައިގެ ސަބަބުންވެސް އިންސާނުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާއިރު މިކަންކަމުން އަރައިގަތުމަށް ސައިންސްވެރިންނާއި ކަމުގެ ތަޖުރިބާކާރުން ގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އެގޮތުން ދާދިފަހުން މި މައްސަލަ ހައްލުކުރުމަށް އުފެއްދި މޮޅު އީޖާދަކަށް މިވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައެވެ. އެއީ ވައިގެ ތެރޭގައި ހުންނަ ކާބަންޑައިއޮކްސައިޑް ފިއުލްއަށް ބަދަލުކޮށްލާ މެޝިނެކެވެ.
ފުރަތަމަ ފަހަރަށް އަޑު އިވުމުން މިއީ ކޮންމެވެސް ފިލްމެއްގައި ނުވަތަ ކާޓޫނެއްގައި ދައްކާ ޚިޔާލީ ފޮލާއެކޭ ހީވެދާނެއެވެ. އެހެންނަމަވެސް ސައިންސްވެރިން މިވަނީ މިހާރު މީގެ ކުޑަ ސާމްޕަލް މެޝިނެއްވެސް އުފައްދާފައެވެ.
މިފަދަ ވާހަކަތައް ގެނެސްދޭ ޓޭކްޕަރޓް.ކޮމްގައި މި މެޝިން އުފެއްދި ސައިންސްވެރިންނާއި ހަވާލާދީ، މި މެޝިން މަސައްކަތްކުރާގޮތް ގެނެސްދީފައިވެއެވެ. އެގޮތުން އެ ވެބްސައިޓުގައިވާގޮތުން މި މެޝިން ވައިގެ ތެރޭގައި ހުންނަ ކާބަންޑައިއޮކްސައިޑު ބަދަލުކޮށްލަނީ ކާބަން މޮނޮކްސައިޑާއި ހައިޑްރޮޖެންގެ މިކްސްއަކަށެވެ. މި މިކްސްއިން އުފެދޭ ސިންތެސިސް ގޭހަށް ސައިންސްވެރިންވަނީ "ސިންގޭސް" ގެ ނަން ދީފައެވެ.
ފިއުލްގެ ގޮތުގައި ބޭނުންކުރެވެނީ މި ސިންގޭސްކަމަށް ސައިންސްވެރިން ބުނެއެވެ.
މި މެޝިނަށް ބާރުދެނީ އަވިން ކަރަންޓު އުފައްދައިގެން ނުވަތަ ސޯލަރ ޕަވަރގެ އެހީގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މެޝިނަކީ ކާމިޔާބު ޕްރޮޖެކްޓަށް ވެއްޖެނަމަ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބިގެންދާނޭކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ