ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖެވަޑައިގެންފި އެވެ. ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަތީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ ގައުމުގައި ގާތްގަނޑަކަށް ތިން ހަފްތާ ހޭދަ ކުރެއްވުމަށް ފަހު މައުމޫން ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން މައުމޫން ރިފޯމް މޫވްމެޓުގެ ބޭފުޅުންނާއި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފަ އެވެ. ރައީސް މައުމޫން ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ބާތިލު ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ހުކުމް ހައިކޯޓުން ބާތިލު ކުރި އިރު، އެ މައްސަލައާ ގުޅިގެން އެމަނިކުފާނު ވަނީ ގާތްގަނޑަކަށް އަށް މަސް ދުވަސް ޖަލުގައި ހޭދަ ކުރައްވާފަ އެވެ. އެ މުއްދަތުގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވެސް ވަނީ ގޯސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ