ގޯހޭ ބުނަން އެންމެ އުނދަގުލީ ގާސިމްގެ ކައިރީގައި - އުމަރު

ކަމެއް ގޯސްކޮށް ކުރާކަމުގައިވާނަމަ، އެއީ ގޯސްކަމެކޭ ބުނަން އެންމެ އުނދަގުލީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ ގާތުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ޗެނަލް 13" އިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި، ވޭލް ސަބްމެރިންގައި އިންނަވައިގެން އުމަރު ވިދާޅުވީ ކިތަންމެ އުނދަގޫ ކަމެއްކަމުގައިވިޔަސް، ގާސިމްގެ ކައިރީގައި ކަމެއް ގޯސްކޮށް ކުރައްވާނަމަ އެކަން ވިދާޅުވި ކަމުގައެވެ.
މީގެއިތުރުންވެސް، އުމަރު ވިދާޅުވީ ގާސިމަކީ އޭނާއާ ވަރަށް ގާތް ބޭފުޅެއްކަމަށާއި އެއީ ވިޔަފާރީގައިވެސް ބައިވެރިއެއްކަމުގައެވެ. ހަމައެހެންމެ، ބައެއް ފަހަރު ގޯސްކަމެއް ކުރެއްވި ވާހަކަ ވިދާޅުވުމުން، ބައެއް ފަހަރު ގާސިމް ހަޅޭލަވައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި މަސައްކަތް ކުރެއްވިއިރުވެސް ކަމެއް ގޯސްކޮށް ދާކަމުގައިވާނަމަ އެވާހަކަ ދަންނަވާފައިވާނޭކަމުގައެވެ. އެހެންނަމަވެސް، ކެބިނެޓުގައި މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާއިރު އެކަން ކުރައްވަން ޖެހޭނީ މެގަފޯނެއް ހިއްޕަވައިގެން ހުންނަވައިގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، އުމަރު ވިދާޅުވީ އޭނާ ދެން ހިންގަވާނީ އޭނާގެ އަމިއްލަ މަގުގައިކަމަށެވެ. ކުރިން އޭނާ މަސައްކަތް ކުރެއްވީ އެހެން ލީޑަރުންގެ ފަހަތުގައިކަމަށާއި އެހެންނަމަވެސް، ދެން ހިންގަވަން ބޭނުންފުޅުވަނީ އަމިއްލަ މަގުގައިކަމަށެވެ. އަދި ސިޔާސީ ފަޅިން ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވަން ބޭނުންފުޅުކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ