ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ނުވިއްކަން އަންގައިފި

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
މިކަމާއި ގުޅިގެން އެމްއެފްޑީއޭ އިން މިއަދު ބުނެފައިވަނީ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއޮތޯރިޓީން ބުނެފައިވަނީ އެ ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށާއި އަދި އެއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއް ކަމަށެވެ.
އަދި ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް އަޅަން އެފަދަ ފުޅި ބޭނުންކުރުމުން، ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވުމާއި އެކު އެފުޅިތަކުގައި ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެ އޮތޯރިޓީން އަންގާފައިވެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަ އެ އޮތޯރިޓީގެ ނަންބަރުތައް ކަމަށްވާ 3034213 އާއި 7603204 މި ދެ ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށްވެސް އެއޮތޯރިޓީން ބުނެފައިވެއެވެ.
ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް އެމްއެފްޑީއޭއިން މިއަދު އަންގާފައިވާއިރު ، އެ ފުޅިތަކުގައި އެކި ބާވަތްތަކުގެ ޖޫހާއި، ކުރުނބާފެން ރާއްޖޭގައި ވިއްކާތާ މިވަނީ ގިނަ ދުވަސްތަކެއްވެފައެވެ.
ރަމްޟާން މަހާއި ދިމާކޮށް އެފަދަ ފުޅިތަކުގައި އެކި ވައްތަރުގެ ބުއިންތަކާއި، ޚާއްސަކޮށް ކުރުނބާފަނި ވިއްކަން ހުންނަކަން ފާހަގަކޮށްލެވެއެވެ.
 
 
 
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ