އިދިކޮޅު ކައުންސިލެއް އޮވެއްޖެނަމަ ގައުމުގެ ކުރިއެރުމުގެ މަޝްރޫއުތަކަށް ދަތިވާނެ: ރާފިއު

އިދިކޮޅު ކައުންސިލެއް އޮވެއްޖެނަމަ، ރިޔާސީ އިންތިހާބުގައި މި ގައުމުގެ ކުރިއެރުމަށް ކުރަން ބޭނުންވި ކަންތައްތަކަށް ދަތިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަކީ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ކަމަށާއި، އެކަންކަން ހާސިލްކުރުމަށް އެންމެން ގުޅިގެން ސީރިއަސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާފިއު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ތަމައްދުން ގެނެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށް އޯގާތެރި އަދި ކަމޭހިތާ، ރައްޔިތުންނާ ގާތުން ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކޮށްފައި ތިބި މީހުން ކަމަށް ރާފިއު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް މަސައްކަތެއް ކުރައްވަން ހަމައެކަނި ކަނޑައަޅުއްވައިގެން ހުންނަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ކުރައްވަން ކަނޑައަޅުއްވާ މަސައްކަތެއް ނުކޮށް ދޫނުކުރައްވާނެ ކަމަށެވެ.
”ދާދި ފަހުން އެ މަގުވެސް ހައްދަވަން ނިންމެވީ. މިހާރު އެއޮތީ ހައްދަވައި ނިންމާފައި. ދެން އެމަގު އަޅުގަނޑުމެން ހަވާލުކުރަންވީ އެ މަގުގެ ބޭނުން ނުހިފޭނެގޮތަށް މަސައްކަތް ކުރާ ބަޔަކާ؟ އަޅުގަނޑުމެންނަށް ފަސޭހަވާނެތޯ، ރައްޔިތުންނަށް ފަސޭހަވާނެތޯ އޭގެ ސަބަބުން؟ ހަމަ ޔަގީނުންވެސް ނުވާނެ، އެހެންނޫންތޯ؟“ ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ އެ މަގު ހަވާލުކުރަން ޖެހޭނީ ހިނގާ މީހުންނަށާއި، ދުއްވާ މީހުންނަށް އަދި އެތަނުން މުދާ ބާލައި މީހުންނަށްވެސް ފަސޭހަވާނެ ގޮތަށް ކަންތައްތައް ކުރައްވަން ތިއްބެވި ބޭފުޅުންނާ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ތަހުޒީބު ލިބޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރާފިއު ވިދާޅުވީ ހަމައެކަނި ކުޅިވަރުގެ ދާއިރާއިންވެސް 879 މަޝްރޫއެއް މިއަހަރުގެ ތެރޭގައި ކުރިއަށްދާ ކަމަށެވެ. މި ފެންވަރުގައި ކުޅިވަރުގެ މަޝްރޫއުތައް މީގެ ކުރިން ކުރިއަށްނުދާކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
އެގޮތުން ރައްޔިތުން ބޭނުންވާ ތަރައްގީ އެންމެ ފުރިހަމައަށް ރައީސް އަށް ގެނެސްދެވޭނީ އެމަނިކުފާނަށް އެއްބާރުލުން ދޭނެ ކައުންސިލަރުން ތިބެގެން ކަމަށް ރާފިއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ