ބޭކާރު މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަތުމަކީ ދެރަކެމެއް: ހިސާން
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިންތިހާބާ ބެހޭ މައްސަލަ ފަދަ ބޭކާރު މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ ރައްޔިތުންގެ އިހުސާސްތަކާ ކުޅުމަކީ ދެރަކަމެއް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ނިންމައި އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އެމައްސަލާގައި ކަން ހިނގާ ދިޔަ ގޮތާ ބެހޭގޮތުން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ކޯލިޝަނުގެ ފަރާތުން މައްސަލާގައި ވަކާލާތު ކުރެއްވި ހިސާން ވިދާޅުވީ، އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބަލައިގަނެގެންވާނެ މައްސަލައެއްވެސް ނޫން ކަމަށެވެ. " ހަގީގަތުގައި މިއީ ވަރަށް ދެރަ ކަމެއް. މުޅި ރައްޔިތުންނާއި ގުޅުން ހުރި މިހާބޮޑު މައްސަލައެއްގައި ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން ރައްޔިތުން މިގޮތަށް މާޔޫސްކަން މަތީގައި މި ހުންނަން ޖެހުނު ޖެހުމަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިކަހަލަ ބޭކާރު މައްސަލައެއް ބަލައިގަނެގެން ކުރިއަށް ގެންދެވީމަ،" ހިސާން ވިދާޅުވި އެވެ. އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ބަލައިގަތުމަކީ ސުޕްރީމް ކޯޓުން އަމަލު ކުރާ އުސޫލެއްކަން ފާހަގަކޮށް ހިސާން ވިދާޅުވީ އިންތިހާބީ މައްސަލަ ބަލައިގަތުމުގައި އެ އިޖުރާއަތު ސުޕްރީމް ކޯޓުން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ނިންމައި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން މައްސަލަ ބަލައިގަތީ ހުށަހެޅި މައްސަލަ ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަނާޅަނީސް ކަން އެނގިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. " ދުނިޔޭގެ އެއްވެސް ކޯޓަކުން މި ސްޓޭންޑަޑަށް އޮތް މައްސަލައެއް މިއީ ބަލައިގަނެ ކުރިއަށް ގެންދާނެ މައްސަލައެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާ ގައުމެއްގެ ސުޕްރީމް ކޯޓަކަށް މައްސަލައެއް ހުށަހަޅުއްވާއިރު އެއަށްވުރެ ތަންކޮޅެއް ހަރުދަނާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަ ހުށަހަޅަން ޖެހޭ ކަމަށެވެ. އިންތިހާބާ ބެހޭ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ، ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އަދި އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސުތަކެއް އަދި ގަރީނާއެއް ދައްކާފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ