ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން - ޕީޕީއެމް

ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް އިހުތިރާމް ކުރާ ކަމަށާއި، އެގޮތުގައި ކުރިޔަށް ދާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމް އިން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި، އެ ހަގީގަތާއެކު ޕާޓީ ކުރިޔަަށް ދާނެ ކަމަށެވެ. އަދި ދެމި ހުންނާނީ ރައީސް ޔާމީންއާއެކުގައި ކަމަށްވެސް ހަލީލްގެ އެ ޓްވީޓްގައި ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން ހަލީލް މިގޮތަށް ވިދާޅުވެފައިވާއިރު،  ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ