ރައްޔިތުން ރުޅި ނާރުވާ، ވޯޓާ ކުޅުމަކީ އެޅޭނެ އެންމެ ބޮޑު ޅަ އެތި: އަމީން

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔައީ ރަނގަޅަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާއިރު، އަލުން ވޯޓޭ ކިޔައިގެން ހަމަ ނުޖެހުން އުފައްދަން މަސައްކަތް ނުކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ގޮވާލައްވައިފިއެވެ.
އަމީން މިކަމަށް ގޮވާލައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އޮތީ ރީތިކޮށް މިކަން ނިންމަވާލައްވާފައި ގެއަށް ވަޑައިގަތުންކަމަށެވެ. އެެހެންކަމުން ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔައީ ރަނގަޅަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާއިރު، އަލުން ވޯޓޭ ކިޔައިގެން ހަމަ ނުޖެހުން އުފައްދަން މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާކަމަށެވެ.
އަމީން ވިދާޅުވީ ރައްޔިތުން ރުޅި ނޭރުވުމަށް ގޮވާލައްވާކަމަށާ މިހާތަނަށްވެސް ރައީސް ޔާމީން ވަރަށް ގިނަ ޅަ އެއްޗެހި އަޅުއްވާފައިވާކަމަށެވެ.
އަދި ރައްޔިތުންގެ ނިންމުމާއި ކުޅެން މަސައްކަތް ކުރެއްވުމަކީ އެޅުއްވޭނެ އެންމެ ބޮޑު ޅަ އެތިކަމަށް އަމީން ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ގޮތް ނިންމައިފިކަމަށާ އެ ނިންމުން ދަމަހައްޓާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކުން ވަނީ ބުނެފައެވެ.
ބޮޑު ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ކުރި ހޯއްދަވާފައިވާއިރު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް ދިއުމަށް ޕީޕީއެމުން މަސައްކަތް ކުރަމުންދާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި މިމައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ފަސްކުރުމަށް އެޕާޓީން އީސީގައި އެދިފައިވާކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ