ތިމަރަފުށިން ކަރަންޓު ނުކެނޑޭނެ ކަމަށް ރަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށްފި

ކޯޓު އަމުރަކާ ނުލައި ތިމަރަފުށީ ގެތަކުން ކަރަންޓު ކަނޑާލުމުގެ ބާރު ފެނަކަ ކޯޕަރޭޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި އެ ރަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ތިމަރަފުށީ ކައުންސިލް އިދާރާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ތިމަރަފުށީ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ކަރަންޓު ބިލް ނުދައްކައިގެން ނަމަވެސް އެ ރަށުގެ އެއްވެސް ތަނަކުން ކަރަންޓު ނުކެނޑުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގައިފަ އެވެ.
މަގުމަތީގައި ބަހައްޓާ ޑިސްޓްރިބިއުޝަން ފޮށިތަކީ، ބޭނުން މީހަކު ބޭނުން ވަގުތަކު އަތްލައި ބޭނުން ކަމެއް
ކުރެވޭ ގޮތަށް ހުންނަ ފޮށިތަކެއް ގޮތުގައި ނުބެހެއްޓުމަށާއި ގަވާއިދާއި ޚިލާފަށް ފޮށިތަކާއި އަތްލައި ހަދައި މީހުންނަށް އެކަން ނކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް ތިމަރަފުށީ ކޯޓުން ވަނީ ފެނަކައަށް އަންގައިފައެވެ.
ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން ނުވަތަ އިމޖެންސީ ހާލަތެއް ދިމާވެގެން ކުއްލިއަކަށް ކަރަންޓު ކަނޑާލާ ހާލަތުގައި ލޯޑް ސްޕީކަރުން ނުވަތަ އެންމެ އަވަސް ގޮތަކުން އެކަން ރައްޔިތުންނަށް އެނގޭނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް އެ ކޯޓުން ވަނީ ފެނަކައަށް އަންގައިފަ އެވެ.
އެ ހުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ތިމަރަފުށީ ކޯޓުގެ ހުކުމަކީ އެފަދަ ނިންމުންތައް ނިންމުމުގައި ގާނޫނީ ގޮތުން ތަބާވާންޖެހޭ އަދި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ހުކުމް ބާތިލް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ