ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކާނަލް މުހައްމަދު ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި އޮތީ އެ ހުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް ފަހުން އަހުމަދު އަދީބުގެ ޑީއެންއޭ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން ފެނުމާއެކު އެ މައްސަލަ ރިވިއު ކޮށްދިނުމަށް ނާޒިމްގެ ފަރާތުން އެ ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. ނާޒިމްގެ ފަރާތުން މައްސަލަ ރިވިއު ކޮށްދޭން އެދުމަކުން، އެކަމާ ސުޕްރީމް ކޯޓުން އޮތީ ގޮތެއް ނުނިންމަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމުރެއް ނެރުމާ ހަމަޔަށް ވެސް ނާޒިމް ހުރީ ހައްޔަރުގަ އެވެ. އެހެން ނަމަވެސް އެ ހާލަތު މިހާރު މިއޮތީ އެ ފުށް މި ފުށަށް ޖެހިފަ އެވެ.
މައްސަލަ ރިވިއުކޮށް ދޭން އެދިފައިވަނިކޮށް ނާޒިމް ވަގުތުން ދޫކޮށްލަން ވަނީ ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާ ދޫކޮށް ނުލައި ސުޕްރީމް ކޯޓުގެ އަމުރު ރިވިއު ކުރެވޭތޯ ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނެރަލުން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. ރިވިއުކުރަން އުޅުނޭ ކިޔާފަ ނާޒިމް މިހާރު ބަންދުގައި ބެހެއްޓުމުގެ ގާނޫނީ އެއްވެސް ބާރެއް އެބަ އޮތް ހެއްޔެވެ؟
ބަންޑާރަ ނައިބާއި ޕީޖީ ސުޕްރީމް ކޯޓުގެ އަމުރު އިތުރަށް ދިރާސާ ކުރައްވަނީ އެވެ. އަމުރު ރިވިއުކޮށް އެ އަމުރުގައި ހުރި ގާނޫނީ އަދި ޝަރުއީ މައްސަލަތައް ސުޕްރީމް ކޯޓަށް ސާފުކޮށްދޭން އެ ދެ ބޭފުޅުން ތައްޔާރުވަނީ އެވެ. އަމުރު އޮތީ އޮތްތާ އެވެ. ތަންފީޒު ކުރަން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެވެ. ކޮންމެ އިދާރާއަކުން ވެސް ބުނަނީ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަމުރަށް 24 ގަޑިިއިރަށްވީއިކޮން ދިގު އިޖުރާއަތެއް ހެއްޔެވެ؟ އަމުރުގައި ބުނެފައި ވަނީ "ވަގުތުން" މިނިވަން ކުރުމަށެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އޭރު އޭނާ ހުންނެވީ ކަރެކްޝަން ސާވިސްގެ ބަންދުގަ އެވެ. ކުރިމިނަލް ކޯޓުން އަމުރު ނެރުނުތާ އެއް ގަޑިއިރެއްހާއިރު ފަހުން ފާރިސް ކޯޓުން ނުކުމެވަޑައިގެންނެވީ ވަޑައިގަތީ ސީދާ ގެއަށެވެ. އެ ދުވަހަށްފަހު މިހާތަނަށް ކޯޓުން މީހަކު ދޫކޮށްލަން އަމުރު ނެރުނުމުން އަމަލު ކުރަންޖެހޭ އިޖުރާއަތަށް ބަދަލެއް ގެނައިކަން ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. އެ ދުވަހު އެއް ގަޑިއިރު، ތެރޭގައި އާދައިގެ އޮފިސަރުންނަށް ވެސް ކުރެވުނު ކަމެއް މިހާރު މިހާ ދިއުޅި ދިގުވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ދިގު އިޖުރާއަތުތަކެއް ނެތް ކަމަށެވެ. ކޯޓުން މީހަކު ދޫކޮށްލަން އަމުރު ކުރުމުން އެކަން ލަސްނުކޮށް ކުރަންޖެހޭނެ އެވެ. ކޯޓުން އަމުރު ނެރުމުން ތަންފީޒީ އިދާރާއަށް އޮންނާނީ ފޯމެއްގައި އެކަން ފާހަގަކުރުމަށްފަހު އޭނާ ދޫކޮށްލުމެވެ.
ބަންޑާރަ ނައިބާއި ޕީޖީއަކީ ގާނޫނުން ބޮޑެތި ބާރުތަކެއް ދީފައިވާ ދެ ބޭފުޅުންނެވެ. އެކަމަކު އެ ބޭފުޅުންނަށް ވެސް ސުޕްރީމް ކޯޓަށްވުރެ މަތިވެދާނެ އެއްވެސް ހަމައެއް ނެތެވެ. އެބޭފުޅުންނަކީ ވެސް ކޯޓްގެ ކުރި މައްޗަށް ފަނޑިޔާރުންނަށް ޖަވާބުދާރީވާން ޖެހޭ ބަޔެކެވެ. ކުރިމިނަލް ކޯޓުން ފާރިސް ދޫކޮށްލަން އަމުރު ކުރީ ވެސް އެކަމަށް ޕީޖީއިން ދެކޮޅު ހަދަމުން ދަނިކޮށެވެ. ކޯޓްގެ އަމުރު އައުމުން ފާރިސް ދޫނު ކުރުމަކީ ޕީޖީއަށް އޮތް ބާރެއް ނޫނެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކީ ހައިކޯޓުގައި އިސްތިއުނާފު ވެސް ކުރެވޭނެ އަމުރެކެވެ. އިސްތިއުނާފަށް ދާން ވެސް ދޫކޮށްލަން ޖެހޭނެ އެވެ. މިހާރު އަމުރު ނެރެފައިވަނީ އެންމެ މަތީ ކޯޓުންނެވެ. އިސްތިއުނާފު ކުރެވޭނެ ދެކޮޅު ހަދާފަ ދާނެ ހަމަ އެއްވެސް ތަނެއް ނެތެވެ.
އެ ދެ ބޭފުޅުން ވިދާޅުވަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަމުރު ތަންފީޒު ކުރާނީ އޭގެ ފަހުން ކަމަށެވެ. ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުން، އެއީ އެއްވެސް ހަމައެއް އޮތް ކަމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ އަމުރެއްގަ މައްސަލަތަކެއް ހުރި ކަމަށް ޕީޖީ ނުވަތަ ބަންޑާރަ ނައިބު ގަބޫލު ކުރުމަކީ އެ އަމުރު ތަންފީޒު ކުރުން ލަސް ކުރެވޭނެ ކަމެއް ނޫނެވެ. އަމުރެއް ނެރެފިނަމަ، އެއަށް ކިޔުމަންވުމަކީ ކިތަންމެ ބާރެއް ގާނޫނުން ދީފައި އޮތަސް ބަންޑާރަ ނައިބާއި ޕީޖީ އަދި ދައުވާ ލިބޭ ފަރާތްތަކުން ލާޒިމް ކަމެކެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެކަން އެ ފަނޑިޔާރުން ނޭނގި ތިއްބަވައިގެން ހެއްޔެވެ؟ ނޫނެކެވެ. އެކަން ސުޕްރީމް ކޯޓުގެ އަމުރުން ވަރަށް ސާފުކޮށް އެނގެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނަން އެބަ އޮތް ކަމަށް ވެސް އަމުރުގައިވެ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް އަމުރުގައި ސާފު އިބާރާތުން ބުނެފައިވެ އެވެ.
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ކޯޓުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ވަކި ބަޔަކަށް އަމުރު ކުރުމުން އެއަށް އަމަލު ނުކޮށެއް ނުތިބެވޭނެ އެވެ. މިކަމުގައި އިތުރު މަރުހަލާއެއް ނޯންނާނެ އެވެ. ސަރުކާރުން ދައްކަނީ ގާނޫނީ ގޮތުން ގަބޫލުކުރެވޭ ވާހަކަތަކެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އޮޅުން ނާރާ ގޮތަށް ސާފުކޮށް ކޯޓުން ކަމެއް ލާޒިމް ކުރީމުން ދައުލަތުގެ ދުސްތޫރީ ނިޒާމު "ހައިޖެކް" ކޮށްގެން ތިބުމަކީ ކުށެކެވެ.
އެހެން ކަމަށްވާއިރު އަމުރުގައި ގާނޫނީ އަދި ޝަރުއީ ކަންބޮޑުވުންތަކޭ ކިޔައިގެން "ބަހަނާ ދެއްކުމުގެ" އެއްވެސް އިހްތިޔާރެއް މިވަގުތު ނެތެވެ. ސުޕްރީމް ކޯޓުން އަންގާފައިވަނީ ޕީޖީއަށް އެހެން ކަމެކެވެ. އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދައި، ލަސްކުރާ ނުވަތަ ފަރުވާ ކުޑަކުރާ މީހުންނާ ދެކޮޅަށް ދައުވާކޮށް މައްސަލަތައް ކޯޓަށް ވެއްދުމެވެ. ނަމަވެސް ފެނިގެން ދަނީ އަމުރަށް ރައްކާތެރިވުމަށް އެންގި ޕީޖީ، އަމުރު ތަންފީޒު ކުރުން ލަސްކުރަމުންދާ މަންޒަރެވެ. ޕީޖީ އިން އަމަލު ކުރައްވަމުން އެ ގެންދަވަނީ ސުޕްރީމް ކޯޓްގެ އަމުރާ މުޅިން ހިލާފަށް ކަމަށް ބުނެވިދާނެ އެވެ.
"ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ނުވަ މީހުން ބަންދުގައި ބައިތިއްބަން ކޯޓު އަމުރެއް ނެތް، އެހެންވެ އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ، ދޫކޮށްނުލައި ހޭދަވާ ކޮންމެ ވަގުތަކީ މިކަމުގައި ޝާމިލުވާ މީހުން ކުށްވެރިވާނެ ކަމެއް، އަމުރާ ގުޅޭ ގޮތުން މަޝްވަރާކޮށްގެން އިތުރަށް ނިންމަން ޖެހޭ ކަމެއް ނެތް،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އެ ވަނީ އެ ނުވަ ބޭފުޅުންނަށް ހުކުމް އިއްވާފައިވަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ސަބަބުތަކަށްޓަކައި ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އެ ވަނީ ކަނޑައަޅާފަ އެވެ. އެ ހުކުމްތައް އިއްވި ކުރިމިނަލް ކޯޓުން ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގެ އަމުރާމެދު ސުވާލު އުފެއްދުމުގެ ޖާގަ ދިނުމަކީ އެއްވެސް ގޮތަކުން އޮތް ބާރެއް ނޫން ކަމަށް ބުނެފަ އެވެ.
ރައީސް މުހައްމަދު ނަޝީދާއި އަހުމަދު އަދީބާއި ގާސިމް އިބްރާހިމާއި ފާރިސް މައުމޫނާއި މުހްތާޒު މުހުސިން އާއި އަހުމަދު ނިހާން އާއި ހާމިދު އިސްމާއިލާއި އިމްރާން އަބްދުﷲ އަދި މުހައްމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން އެ ވަނީ އަމުރުން ރިވިއުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ރިވިއުއަކީ އެއީ އެވެ. އެއީ ނުފޫޒުން ކޮށްފައިވާ ހުކުމްތަކެއް ކަމަށެވެ. އެ ބޭފުޅުން ދޫކޮށްލުން ނޫން އިޖުރާއަތެއް މިވަގުތު ދައުލަތަށް ނެތެވެ. އިތުރު ރިވިއުއެއް ޕީޖީ އާއި ބަންޑާރަ ނައިބު ބޭނުންވުމަކީ ސަރުކާރުގެ އަމިއްލަ މަސްލަހަތެވެ. ގައުމީ މަސްލަހަތު އޮތީ އަމުރު ތަންފީޒު ކުރުމުގަ އެވެ.
އޭޖީ އާއި ޕީޖީ: ސުޕްރީމް ކޯޓަށްވުރެ މަތީގައި؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ