ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ދައުވާގެ ޝަރީޢަތުގައި އެމަނިކުފާނާއި ދެކޮޅަށް ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އައިޝަތުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޔާމީން އެވެ. ޔާމީން، އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަނީ ލޯންޑްރިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ، ފެބްރުއަރީ މަހު ބޭއްވި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އައިޝަތު ޝަރީޢަތުގައި ދޮގު ހަދާފައިވާ ކަމަށެވެ.
އެދުވަހު ބޭއްވި އަޑުއެހުމުގައި އައިޝަތު ވާހަކަފުޅު ދައްކަވަމުން ހެކިންނަށް ރިޝްވަތު ހުށަހަޅާ އަދި ބަޔާނެއް ބަދަލު ކުރަން، ޔާމީން ނުފޫޒު ފޯރުވާކަމަށް ވިދާޅުވި ކަމަށް ޔާމީންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ސިޓީގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އައިޝަތު އެހެން ވިދާޅުވި ނަމަވެސް ހައި ކޯޓުގައި ދައުލަތުން ވަނީ ހެކިންނަށް ނުފޫޒު ފޯރުވާ، ހެއްކެއްގެ ބަޔާން ބަދަލު ކުރަން ޔާމީން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެފައި ކަމަށެވެ.
ދައުލަތުގެ ވަކީލް އައިޝަތުގެ މައްސަލައެއް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވަކީލުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެއެވެ.
ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަކީ މިހާރު ބާ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން އެކޯޓުން އެމައްސަލަ ބަލާކަމެއް އަދި ނޫންކަމެއް ވެސް ސާފެއް ނުވެއެވެ.
ޔާމީނާއި ދެކޮޅަށް ވަކާލާތު ކުރާ ވަކީލުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ