އޭސީސީގެ މެމްބަރު ކަމަށް ހަމަޖައްސަން ފަސް ބޭފުޅަކަށް ރުހުން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މިހާރު އޮތް ދައުރު ހަމަވާތީ އޭސީސީއަށް މެމްބަރުން ހޮވުމަށްޓަކައި ރައީސް އޮފީހުން ކުރި އިއުލާނާއި ގުޅިގެން ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި 12 ބޭފުޅެއްގެ ތެރެއިން އޭސީސީއަށް އައްޔަން ކުރެއްވުމަށް ފެންނަ 5 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައީސް ފޮނުއްވި 12 ބޭފުޅުންގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ނަން ތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ދީފައިވާ އާދަމް ޝާމިލަށް މިއަދު ނެގި ވޯޓުގައި މަޖިލީހުގެ މެމްބަރުން ރުހުމެއް ނުދެއްވިއެވެ. ނަމަވެސް ކޮމިޓީން ފޮނުއްވި އަނެއް ހަތަރު ނަމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. ދެން މަޖިލީހުން ރުހުން ދީފައި ވަނީ ހަތްވަނައަށް އޮތް ނަމަށެވެ.
އޭސީސީއަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ރުހުން ދެއްވި ފަސް ބޭފުޅުންނަކީ، އިބްރާހިމް ޝަކީލް / ދަފްތަރު ނަމްބަރު 3654 - 69 ވޯޓު، ފާތިމަތު އަނޫލާ / ގ ވޮޑިނޮޅުގެ - 69 ވޯޓު، މަރިޔަމް ޝިއުނާ / ނެދުންގެ، ސ. ހިތަދޫ - 69 ވޯޓު، އައިޝަތު އަބްދުﷲ / ރޯލްގޯލްގެ، ޅ. ހިންނަވަރު - 68 ވޯޓު، އަލީ އަޝްރަފް / ދަފްތަރު ނަމްބަރު ރސ 3366 - 70 ވޯޓެވެ.
ވޯޓަށް އެހިއިރު މަޖިލީހުގެ ރިޔާސަތު ނައިބު ރައީސް އީވާ އަބްދުﷲ ބެލެހެއްޓެވިއިރު ރައީސް ފޮނުއްވި 12 ނަމުގެ ތެރެއިން 5 މެމްބަރުންގެ ނަން ފާސް ވަންދެން ވަނީ ވޯޓަށް އައްސަވާފައެވެ. އެގޮތުން ފަސް ނަމެއް ފާސްވުމުގެ ކުރިން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ނަމަށްވެސް ވޯޓަށް އެއްސެވިއެވެ. ނަމަވެސް ނިޔާޒުގެ ނަމަށް ރުހުން ލިބޭވަރަށް ވޯޓެއް ނުލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ