ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލު ދިރާސާ ކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީންނެވެ. ޖުޑިޝަރީ ކޮމިިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް 15 އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވެއެވެ. އަދި އެ އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ. އެ ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން އެ މީހަކާއި އަދި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްޖޭއޭ އަދި އެމްއެމްސީން ބުނެފައި ވަނީ ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހާދަތަކުގައި ހިޔާލުފާޅުކުރުމުގެ އަސާސީ ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށެވެ. ބިިލުގެ 136 ވަނަ މާއްދާގައި ވަނީ ނޫސްވެރިން ޚަބަރު ލިޔުމަށް މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ބަޔާން ކޮށްފައެވެ. އެ މާއްދާގެ (ހ) ގައިވާގޮތުން ނޫޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މަޢުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވަޢުދެއް ނުވަތަ ދީފައިވާ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ އެ މަޢުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީ އަކަށް ވެދާނެ އެއްވެސް މަޢުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެއެވެ. ބިލުގައި އެހެން އޮތް ނަމަވެސް ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީޢަތުން އަމުރުކުރެވިދާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވެއެވެ. އެ އިސްލާހު ހުށަހެޅީ ނޫސްވެރިންގެ މަސްދަރު ހާމަކުރެވޭނެ އިސްތިސްނާ ޙާލަތެއް ކަނޑައަޅާފައިވާ އެ މާއްދާއާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި އެމްއެމްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީއާހިއްސާކުރުމުން އެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، މިނިވަން ދިމިޤްރާތީމުޖުތަމަޢުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ