ޔާމީން ގެކޮޅުގައި ބެނާ ހަރުކުރުން މަނާ ކުރެވޭ ސަބަބު ދައުލަތަށް ކިޔައި ނުދެވުނު!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ޖަހާފައިވާ ބެނާ ނެގި މައްސަލާގައި ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނެ ސަބަބާ ސީދާ ޖަވާބެއް ދެވެން ނެތް ކަމަށް ދައުލަތާއި ފުލުހުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންގޮސްފައި ވަނީ ގާނޫނުގެ 615 ވަނަ މާއްދާގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކޮށެވެ. އެހެންކަމުން އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ހަސަން ޝަފީއު، ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ދައުލަތުން ވަނީ އެފަދަ ގާނޫނެއް ނެތް ކަމަށާއި އެ ސުވާލަށް ޖަވާބު ދެއްވޭނީ ފުލުހުންނަށް ކަމަށް ބުނެފައެވެ.
ފުލުހުންގެ ފަރާތުން މިއަދު ބޭއްވި އަޑުއެހުމަށް ހާޒިރުވި އޮފިސަރު ޖަވާބު ދެއްވަމުން ވިދާޅުވީ، މިވަގުތު ފުލުހުންނަށް ވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދެވެން ނެތް ކަމަށެވެ. އަދިމި މައްސަލައަކީ އާނމްުންގެ ފަރާތުން އައި ޝަކުވާއެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ، އާންމު އުސޫލުން އެފަދަ ޝަކުވާ އަންނަން ޖެހެނީ އާންމުންގެ ފަރާތުން ކަމަށާއި ނަމަވެސް މި މައްސަލައަކީ ފުލުހުން އަމިއްލަ އިސް ނެގުމުގައި ބަލާ މައްސަލައެއް ކަމަށެވެ.
ދެން ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމަށް އަމުރު ކޮށްފައި އޮތް އޮތުމަށް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އަދި އެ އަމުރާ އެއްގޮތަށް އެ ކުށްކުރި ބަޔަކު އެ ބެނާ ނެގައިފި ނަމަ އެ ބުނެވުނީ ހެކި ނައްތާލުމަށް ނޫންތޯ އައްސަވާ ފަނޑުޔާރުންގެ ބެންޗުން ސުވާު ކުރެއްވިއެވެ. ޖަވާބުގައި ފުލުހުން ބުނީ، މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށާއި އަދި އިތުރު ހެކި ހުރެދާނެ ކަމަށެވެ. އަދި އަމުރަށް އެދުނީ ބެނާ ނަގަން އެންގުމުން އެއަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބަލައިގެން ކަމަށެވެ. އެއަށް ފަހު އެ ބެނާ ފިޔަވައި އިތުރު ހެއްކެއް ގެންދިޔަތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އެހެން އެއްޗެއް ނުގެންދާ ކަމަށެވެ.
އެއަށްފަހު ކުށާ ގުޅިގެން ތުހުމަތުކޮށް، ތަހުގީގުގައި ސުވާލު ކުރިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ ތަހުގީގުގައި ސުވާލު ނުކުރާ ކަމަށެވެ. އަދި ބަލައި ފާސްކުރުން ފިޔަވައި އިތުރު ކަމެއް މިވަގުތު ނުކުރާ ކަމަށް ބުންޏެވެ. ދެން ބަލައި ފާސްކުރީ ކިހިނެއްވެގެން ކަން އެނގޭނީ ކާކަށްތޯ އެއްސެވުމުން ފުލުހުން ބުނީ، ކޯޓު އަމުރުގެ ކޮޕީއެއް ދީފައި ވާނެ ކަމަށެވެ.
މި އަޑު އެހުމަށް ރައީސް ޔާމީން ހާޒިރުވެވަޑައިގެން ނަމަވެސް އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވައެވެ. މިއަދުގެ އަޑު އެހުން ނިންމާލި އިރު، އިތުރު ވާހަކައެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ