ހެޕަޓަޓާއިސް ސީ އަށް ފަރުވާ ހޯދާ ބޭސް ބޭނުންކޮށް ކޮވިޑް19 ޖެހުނު 11 މީހަކު ބަލިން ރަނގަޅުވި : ޗައިނާ ސައިންސްވެރިން

ހެޕަޓައިޓިސް ސީ އަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭސް ބޭނުން ކޮށްގެން ކޮވިޑް19 ޖެހުނު ޗައިނާގެ 11 މީހަކު އެބަލިން ރަނގަޅުވި ކަމަށް ޗައިނާގެ ސައިންޓިސްޓުން ހާމަކޮށްފިއެވެ.
ޗައިނާގެ ސައިންޓިސްޓުން މި ބޭސް ބޭނުން ކޮށްގެން ކުރި ދިރާސާގައި ހިމަނާފައިވަނީ ކޮވިޑް19 ޖެހިފައި ތިބި 11 މީހުންނެވެ. މި އެންމެނަކީ ވެސް ބަލި އެހާ ސީރިއަސް ނޫން މީހުން ކަމުގައި ވެސް ދިރާސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެއެވެ. މި ހުރިހާ މީހުން ގެ ގައިން ވެސް އިތުރު ސައިޑް އިފެކްޓެއް ފެނިފައިވާ ނުވާކަމަށާއި ދެ ދެވަސް ތެރޭގައި ހުރިހާ މީހުންވެސް ވަނީ ވައިރަހަށް ކުރި ޓެސްޓު ނެގަޓިވްވެފައެވެ. މި މީހުނަށް ބޭސް ދީފައިވަނީ 4 ދުވަހާއި 12 ދުވަހުގެ މުއްދަތަކަށެވެ.
އެއާއެކު މި ދިރާސާކުރި ސައިންޓިސްޓުން ބުނެފައިވަނީ މި ހޯދުމާއެކު މިހާރު ވައިރަހަށް ފަރުވާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބާރެއް ލިބިގެންދާނެކަމަށެެވެ.
ނަމަވެސް މިހާ ކުޑަ މުއްދަތަކަށް މަދު މީހުން މި ކުރި ސްމޯލް ޓްރައިލްސް އިން މާބޮޑު ކަމެއް ހާމަނުވާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައިވެއެވެ. އަދި މި ދިރާސާއަކީ ބޭކާރު ދިރާސާއެއްގެ ގޮތުގައިވެސް ބައެއް ތަޖުރިބާކާރުން ސިފަކޮށްފައިވެއެވެ.
ލަންޑަން ސްކޫލް އޮފް ހައިޖިން އެންޑް ޓްރޮޕިކް މެޑިސިން ގެ އިސް ޕްރޮފެސަރެއް ބުނެފައިވާ ގޮތުގައި މި ދިރާސާއަކީ އަންކޮންޓްރޯލްޑް އަދި ނޮން ރެންޑަމައިޒްޑް ދިރާސާއެކެވެ. އަދި މި ދިރާސާގެ ބައެއް ނަތީޖާތައް ސައިންސްގައި ބޭނުން ކުރެވުނަސް ކޮންޓްރޯލްޑް އަދި ރެންޑަމް ކޮށް ދިރާސާއަލުން ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ.
މީގެ ކުރިން ވަނީ މެލޭރިއާ އަށް ފަރުވާ ހޯދާ ބޭހުން ކޮވިޑް19 ބަލި ރަނގަޅުވާކަމަށް ވެސް އަޑު ފެތުރިފައެވެ. ނަމަވެސް މި ބޭހުގައި ވެސް ކޮވިޑް19 އަށް އެދެވޭ ފަރުވާއެއް ނުވާކަމަށް ސައިންޓިސްޓުން ބުނެއެވެ.
މުޅި ދުނިޔެއިން ފަސް ލައްކައަށް ވުރެ ގިިނަ މީހުނަށް ވައިރަސް ޖެހި ސައުވީސް ހާހަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާއިރު މި ވައިރަހަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ސައިންޓިސްޓުން ގެންދަނީ ރެއާއި ދުވާލު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ