ބަޔާންތައް އާއްމު ކުރީ އެނޫން ގޮތެއް ނެތުމުން: އަލީ ވަހީދު

ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ހާޒިރު ކުރި ފަރާތްތަކުންދީފައިވާ ބަޔާންތައް އިއްޔެ އާއްމުކޮށްފައިވަނީ އެނޫން ގޮތެއް ނެތިގެން ކަމަށާއި އެކަން ކޮށްފައިވާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް އަވަސް ކޮށްދިނުމަށް އެމްޑީޕީން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެމްޑީޕީން ސިޓީ ފޮނުވާފައިވަނީ މަޖިލީހުގެ ތެރޭގައި އެބަޔާންތަކަށް ނުފޫޒް ފޯރުވޭ ފަދަ ބައެއް ބޭފުޅުން އެކަމަށް ހުރަސްއަޅަން މަސައްކަތް ކުރައްވަމުންދާތީ ކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑަށް މަޖިލީހުގެ އެހެން ކޮމިޓީތަކުންނާއި ސީދާ ސަރުކާރުގެ ތެރެއިން ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެގޮތުން ބަންޑާރަ ނައިބު ކޮމިޓީއަށް މައުލޫމާތުދޭން ނުޖެހޭނެ ކަމަށް ބުނެ ލަފައެއް ނެރުއްވުމާއި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ކޮމިޓީއަށް އެއްބާރުލުން ނުދެއްވާ ގޮންޖެއްސެވުން ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެހެން ކަމުން ކޮމިޓީން އިއްޔެ ނިންމި ނިންމުމަކީ ރާއްޖޭގެ މުސްތަގުބަލައްޓަކާ އަންނަން އޮތް ޖީލުތަކައްޓަކާ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓަށް ދައުލަތުގެ މަސްއޫލުވެރި މަގާމުތަކުގައި ތިއްބެވި ޕްރޮފެޝަނަލް ފަރާތްތަކުން ދީފައިވާ މައުލޫމާތުތައް އުނިކޮށް ދީފައި ނުވާ މައުލޫމާތުތައް ހިމަނައިގެން ރައްޔިތުންނަށް އޮޅުވާލާފައިވާ އިރު ބަޔާންތައް އާއްމު ނުކުރިނަމަ ކޮމިޓީން ކުރި މަސައްކަތްތަކަކީ ވެސް ބޭކާރު މަސައްކަތްތަކަކަށްވުން ކައިރި ކަމަށެވެ.
ކޮމިޓީން މަސައްކަތް ކުރަމުންދަނީ ގަވާއިދުން ބޭރުން ކަމަށާއި ބަޔާންތައް އާއްމުކޮށްފައިވަނީ ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާތީ އަލީ ވަހީދުވަނީ އޭނާއަށް ވެސް ފާޑު ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ މިހާތަނަށް އައިއިރު ކޮމިޓީއަށް ފިލްޒާގެ ލަފައެއް ހޯއްދަވާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ