އަހަންނަށް ވުރެ ޔާމީނަކަށް އަދަދު ގިނައެއް ނުކުރެވޭނެ: އުމަރު
އުމަރު ނަސީރުގެ ނަން އަތުވެއްޖެ ނަމަ ކޮންމެ މީހަކު ވެސް ފުރަތަމަ ބުނާނީ އެއީ ޕީޕީއެމްގެ ގްރާސްރޫޓްގެ ބޭފުޅެއް ކަމަށެވެ. އޭނާ އަށް އޮންނާނީ އާންމު މެމްބަރުންގެ ސަޕޯޓް އެކަންޏެވެ. ޕީޕީއެމްގެ މަތީ ފަޑީގައި އުޅޭ ފަރާތްތަކުގެ ސަޕޯޓެއް މާ ބޮޑަކަށް އުމަރަށް ލިބިވަޑައެއްނުގަންނަވާނެ އެވެ. އުމަރު ވެސް އެކަން ގަބޫލުކުރައްވަ އެވެ. އެކަމަކު އާންމު މެމްބަރުންނާ ހަމައިން އެކަނި ތާއީދު ހޯއްދަވައިގެން އުމަރު ބޭނުންވާ ކަންކަން ހާސިލް ވެދާނެ ބާވަ އެވެ؟ ޕްރައިމަރީ އަދި އިންތިހާބުތަކުގައި ސިޔާސީ ބާރާއި ފައިސާ ވަރަށް ބޮޑު ރޯލެއް ކުޅޭއިރު ހަމައެކަނި އެކްޓިވިސްޓުން ރުއްސައިގެން އުމަރަށް ކާމިޔާބު ވެދާނެ ބާވަ އެވެ؟ މިއީ ޕީޕީއެމްގެ ޕްރައިމަރީ ކައިރިވަމުން އަންނަ އިރު އުފެދޭ ސުވާލުތަކެވެ. އުމަރު ވިދާޅުވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީންއާ އޭނާއާ ދެމެދު އޮތް އެއް ތަފާތަކީ ވެސް ޕީޕީއެމްގެ އާންމު މެމްބަރުންގެ ސަޕޯޓެވެ. އުމަރުގެ ވިސްނުމުގައި އެ ސަޕޯޓް އޭނާއާ ގާތަށް ވެސް ޔާމީނަކަށް ނުހޯއްދެވޭނެ އެވެ. އެ ސަބަބާ ހެދި އެކްޓިވިސްޓުންގެ އެކަނި ތާއީދާ އެކު ވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ. "މަށަކީ ގްރާސްރޫޓް މީހެއް. އަހަރެންގެ ސިޔާސީ ކެރިއަރު ފެށީ ވެސް އެންމެ ތިރިން. އަހަންނަކީ އެއް ދުވަހު ގޭގައި އިންދާ މިނިސްޓަރުކަން ދިނީމާ، މިނިސްޓަރުކަމުގެ ގޮނޑިއަށް އައިސް އެންމެ މަތިން ސިޔާސީ މަސައްކަތް ފަށައިގެން ތިރިއަށް އައި މީހެއް ނޫން. މަށަކީ އެންމެ ތިރިން ސިޔާސީ މައިދާނަށް ވަދެގެން ހަރުގަނޑުތަކުން މައްޗަށް އަރަމުންދާ މީހެއް. އެހެންވީމާ މަގޭ ސަޕޯޓް ބޭސް އޮންނާނީ އެންމެ ތިރީގައި. އެހެންވީމާ އަހަރެން ކައިރިން އަދަދު ފެންނާނެ. ރާނބާ އަށް ދާން އަޅުގަނޑު ގޮވާލީމާ ނަމްބާސް ފެނުނު. ޣިޔާސުއްދީން ސްކޫލަށް ދާން ބުނީމާ ވެސް ނަމްބާސް ފެނުނު. އެއީ ގްރާސްރޫޓް މީހުން. އެއީ ވޯޓުލާނެ މީހުން،" ރާނބާ އާއި ޣިޔާސުއްދީން ސްކޫލުގައި ދާދި ފަހުން ބޭއްވި އުމަރުގެ ކެމްޕޭން ހަފުލާ އަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އުމަރާ ވާދަކުރައްވާ ޔާމީނަކީ ވެސް އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ ޕީޕީއެމްގެ އެތައް ހާސް މެމްބަރުންނެއްގެ ބޮޑު ތާއީދެއް އޮތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅެވެ. މައުމޫން ފާޅުގައި ވަކި ކޮޅެއް ނުނެންގެވި ނަމަވެސް އެ މަނިކުފާނުގެ ބޭފުޅުން ކޮންމެވެސް އެއް ފަޅިއެއް ނަންގަވާނެ ކަމަށް ބެލެވެ އެވެ. އެހެން ވެއްޖެ ނަމަ ތިލަފަތް ބަރުވުމަކީ ވުން ކައިރި ކަމެކެވެ. އޭގެ ގެއްލުން ކޮންމެވެސް ވަރަކަށް އުމަރަށް ކުރިމަތިވެވަޑައިގަންނަވާނެ އެވެ. ޔާމީންގެ ފަހަތްޕުޅުގައި ރައްޔިތުންގެ މަޖިލީހުގެ، ޕީޕީއެމްގެ ގިނަ މެމްބަރުން ތިއްބެވުމަކީ ވެސް ވަރަށް ކައިރި ކަމެކެވެ. "ރައީސް މައުމޫންގެ ކޮއްކޮއަކަށް [ޔާމީން] ވުން އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އަދި އެ އެޑްވާންޓޭޖް އެކޮޅުން ފުރިހަމައަށް ބޭނުން ވެސް ކުރަމުން ގެންދޭ. އެއީ ދެން އަހަރެމެންނަށް ބަދަލުނުކުރެވޭނެ ހަގީގަތެއް. އެކަމަކު އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ އަހަރެމެން ކާމިޔާބު ނެރޭނީ. އަޅުގަނޑު އެއްވެސް ޖެހިލުމެއް ނުވޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްރައިމަރީގައި މައުމޫން ވަކި އަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވެސް އެ ޔަގީންކަން ލިބިވަޑައިގަތުމުން ކަމަށް އުމަރު ވިދާޅުވި އެވެ. "އެހެންވީމާ މައުމޫން ވަކި އަތެއް ނުނަންގަވާނަމޭ ވިދާޅުވެއްޖިއްޔާ އެކަން އެ ގޮތަށް ހިނގާނެ. މައުމޫން ވަކި އަތެއް ނަންގަވާނެ ކަމާ މެދު އެއްވެސް މީހަކު ޝައްކު ކުރާނެ ޖާގައެއް ނޯންނާނެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަޅުގަނޑަށް ވަނީ ޔަގީންކަން ދެއްވާފައި،" އުމަރު ވިދާޅުވި އެވެ. ޔާމީންގެ ސަބަބުން "ކޮންމެވެސް ވަރެއްގެ ނެގެޓިވް" ކަމެއް އުމަރަށް ލިބިވަޑައިގަތަސް އުމަރަށް އޮތް އަނެއް ފައިދާ އަކީ، އޭނާ ވިދާޅުވާ ގޮތުގައި، ޕްރައިމަރީގެ ވާހަކަ އެވެ. ސަބަބަކީ ޑީއާރުޕީގައި އޭނާ ހުންނެވި ދުވަސްވަރު ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކެވީ އުމަރު ކަމަށް ވުމެވެ. މިއަދު ޕީޕީއެމް އިން ޕްރައިމަރީއެއް ބާއްވާއިރު އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވައި އެ ވާހަކަ ދެއްކެވީ އުމަރެވެ. "އެ ހައްގު ޑެލިވާ ކުރަން އަހަރެން ކުރި މަސައްކަތް ވެސް މެމްބަރުންނަށް ފެންނާނެ. އެ ދުވަހު ވެސް އެ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދޭން މަސައްކަތްކުރި އިރު ވެސް ތިޔަ ވިދާޅުވާ ކަމުވޮށިގެންވާ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ޕްރައިމަރީގެ އުސޫލާ ދެކޮޅަށް. ޓީވީތަކަށް އަރާ ވަކާލާތުކުރި ޕްރައިމަރީއެއް ގެނައުމުގެ ގޯސްކަމާ ބެހޭ ގޮތުން. ޕްރައިމަރީއެއް ނުގެނައުމަށް ވާހަކަ ދެއްކި. އެ ދުވަހު ވެސް އަހަރެން ހުރީ އެކްޓިވިސްޓުންނާ އެކު އެކަނި ޕްރައިމަރީ ގެނައުމަށް ވަކާލާތުކުރާ ޓީމުގައި،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔާމީން ފަޅީގައި މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވުމަކީ ސަޕްރައިޒެއް ނޫން ކަމަށެވެ. ސަބަބަކީ ޑީއާރުޕީގައި ހުންނެވި ދުވަސްވަރު އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ޕްރައިމަރީއާ ދެކޮޅަށް މަޖިލީހުގެ އެތައް މެމްބަރުންނެއް ގޮވައިގެން ޓީވީ ކުރިމައްޗަށް ނުކުމެވަޑައިގެންފައިވުން ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވާ ގޮތުގައި އޭނާ އާއި ޔާމީންއާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އުމަރުގެ ވިސްނުމުގައި ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވީ "ވަރަށް އެލީޓް" ނުވަތަ މުޖުތަމައުގެ ކަމުވޮށިގެންވާ ބޭފުޅުންތަކެކެވެ. އުމަރުގެ ފަހަތްޕުޅުގައި ތިއްބެވީ ގްރާސްރޫޓް މީހުންނެވެ. "އަހަރެމެން މި ވިއްކަނީ އަމާންކަން ގާއިމްކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަން. އެ ފަރާތުން [ޔާމީން] އެ ވިއްކަނީ އިގުތިސާދާ މި ކަހަލަ ވާހަކަތަކެއް. އެހެންވީމަ މިއީ ވަރަށް ބޮޑު ކްލާސް ބެޓްލްއެއް. މި ބެޓްލްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން. މީގެ ކުރީގައި ވެސް މި ކަހަލަ ސިޔާސީ ބެޓްލްތައް އަޅުގަނޑު ކާމިޔާބު ކޮށްފިން. ތި ކަމެއް ނުވާނެއޭ މީހުން ބުނި ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް ކާމިޔާބުކުރިން،" އުމަރު ވިދާޅުވި އެވެ. އުމަރު މިހާރު ގެންދަވަނީ ސިޔާސީ އެހެން ބޮޑެތި ފަރާތްތަކާ އެކު ގުޅުން ގާއިމްކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ޔާމީން އަދި އެކަން ފެއްޓެވިކަމެއް ނޭނގެ އެވެ. އެކަމަކު ރައީސް މުހަންމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި މައުމޫންގެ އަނބިކަނބަލުންގެ ބޭބެ އިލްޔާސް އިބްރާހީމްއާ އުމަރު ނެގޯޝިއޭޓް ކުރުމަކީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޔާމީނަށް ދައްކަވާ "ބޮޑު މަންޒަރެ"ވެ. ގާސިމް އަދި އިލްޔާސްއާ ދެމެދު ޔާމީންގެ ފަޅިން ކޮންމެވެސް ވަރެއްގެ "ނުތަނަވަސްކަމެއް" އޮތް ކަމުގެ ވާހަކަތައް ކުރިންސުރެ ވެސް ދައްކަ އެވެ. އެހެންވެ ގާސިމް އާއި އިލްޔާސްގެ "މަދަދު" އުމަރަށް އޮތްކަން ދޭހަވާ ނަމަ އެއީ ޔާމީނަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އުމަރު ދައްކަވަން ބޭނުންވަނީ އޭނާ އަކީ އެހެން ސިޔާސީ ލީޑަރުންނާ ނެގޯޝިއޭޓް ކުރެއްވޭ ފެންވަރުގެ ބޭފުޅެއް ކަމެވެ. ކޮންމެ ބޭފުޅަކަށް ވެސް ޕީޕީއެމް ތެރެއިން ފުރުސަތު އޮތް ކަމެވެ. އުމަރު ވިދާޅުވާ ގޮތުން ނަމަ "ޔާމީންއާ އެކު އެހެން ބޭފުޅުން ދަތުރުކުރުން ވަރަށް އުނދަގޫވާނެ" އެވެ. "އެއީ އެބޭބޭފުޅުންނާ އެކު ވޭތުވެދިޔަ ތަނުގައި ނުކުމެފައި ހުރި މައްސަލަތަކުގެ ސަބަބުން. އެކަމަކު އަޅުގަނޑަކީ ފްރެޝް، ކްލީން މީހެއް ވީމާ އަޅުގަނޑަށް ފަސޭހަވާނެ މި ދަންނަވާ ބޭބޭފުޅުންނާ ވާހަކަ ދައްކައި އެ ބޭފުޅުންނަށް ޔަގީންކަން ދޭން. އަދި އެ ބޭބޭފުޅުންނަށް އެނގޭނެ އަޅުގަނޑު ދޮގެއް ނަހަދާނެކަން. މިއަދު މި ގޮތެއް ހަދާ، މާދަމާ އަޅުގަނޑު މަކަރު ނަހަދާނެކަމުގެ ޔަގީންކަން ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ހެވީ ވެއިޓުންނަށް އެނގޭނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ހުންނެވީ ރައީސް ވަހީދާއި ގާސިމް އަދި އިލްޔާސްގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަދި އަދާލަތު ޕާޓީއާ އެކު ގުޅުން ބަދަހިކުރަން ވެސް ތައްޔާރަށެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ވަހީދާއި ގާސިމާއި އިލްޔާސް އަދި ތަސްމީން ފަދަ ބޭފުޅުންނާ އެކު ގާތް ގުޅުމެއް ޔާމީން ނުބަހައްޓަވާތީ އެއީ ޔާމީނަށް އޮތް މައިނަސް ޕޮއިންޓެކެވެ. "މި ދަންނަވާ ހެވީ ވެއިޓުންނާ އެކު އަޅުގަނޑު ގާއިމްކޮށްފައިވާ ގުޅުމާ ގާތަށް ވެސް ޔާމީނަށް އެސްޓެބްލިޝް ކުރެވިފައި އޮވެދާނެހެން ހީއެއް ނުވޭ. އެހެންވެއްޖިއްޔާ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ [ޔާމީން އަށް] 2013 ނެގުން. އެހެންވެއްޖިއްޔާ ފެންނާނީ ޕީޕީއެމް އެކަނި ވަރަށް ބަރު އެއްޗެއް ކޮނޑަށް ލައިގެން ރޭސް ނިންމަން ދަތުރުކުރާ ތަން. އެ ވެދާނެ އުނދަގޫ ކަމަކަށް. އެކަމަކު އެއަށް ވުރެ މާ ފަސޭހަވާނެ މި ބަރު އެތި ހުރިހާ އެންމެން ޝެއާ ކުރާ ގޮތަށް، އެންމެން ކޮނޑު ޖައްސައިގެން ލައިން ނިންމަން ދަތުރުކުރިއްޔާ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ގައުމު ހިންގައި އަމާންކަން ގާއިމްކޮށް ދެއްވާނެ ފެންވަރުގެ ބޭފުޅަކު މިހާތަނަށް ޕީޕީއެމުން ނުކުތް ތަން ފެނިވަޑައެއް ނުގަންނަވަ އެވެ. އުމަރުގެ ކެމްޕޭނުގައި އެންމެ އިސްކުރާ އެއް ކަމަކީ އަމަން ގާއިމްކުރުން ކަމަށް ވާއިރު ހާއްސަކޮށް ހުކުމް ތަންފީޒު ކުރާނެ ފެންވަރުގެ ބޭފުޅަކު ފެނިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގައި ކޮށްފައިވާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށެވެ. އުމަރާއި ޔާމީނަކީ ވަރަށް ތަފާތު ދެ ބޭފުޅުން ކަމަށް ވުމުން ޕީޕީއެމްގެ ބޭރުން އެހެން ސިޔާސީ ޕާޓީތަކުގެ ވިސްނުން ވެސް ހާމަވަމުންދާނެ ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ. ރައީސް ވަހީދާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އަމިއްލަ ޖަމިއްޔާތަކުގެ "ނުފޫޒު" ޕްރައިމަރީ އަށް ވަންނާނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ. އެހެންވެ އެ ހުރިހާ ފަރާތްތަކާ އެކު ދަތުރު ކުރެއްވުމުގެ މަގު މިހާރުން ފެށިގެން ތަނަވަސް ކުރުމަކީ އޭނާގެ އެއް އަމާޒެވެ. ޔާމީނެކޭ އެއްގޮތަށް އުމަރު ވެސް ގަބޫލުކުރައްވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ މިހާރު ސަރުކާރު ފަޅީގައި ތިބި ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށެވެ. އެކަމަކު ކޮންމެ ބޭފުޅަކު ވެސް ރައީސަކަށް ވާން ބޭނުންވާތީ އެއީ ވެދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. އުމަރު ވިދާޅުވީ މިހާތަނަށް ކުރެއްވި މަޝްވަރާތަކުން ފެނިވަޑައިގަންނަވަނީ އެއް ކެންޑިޑޭޓަކާ ހަމައަށް ވެސް ދެވިދާނެކަން ކަމެވެ. އަދި އެ އެޑްވާންޓޭޖް އޮތީ އޭނާ އަށް ކަމަށް ވެސް އުމަރު ވިދާޅުވެ އެވެ. "އަޅުގަނޑާ ހަމައެކަނި ވާހަކަ ދައްކާ ނުލެވޭ ބޭފުޅަކީ ތަސްމީން އެކަނި. ދެން އަންނިއަކާ ވާހަކަ ދައްކަން ސިއްރުން ބައްދަލުކޮށް ނަހަދަން. އަދާލަތު ޕާޓީ އަށް ބަލާލިޔަސް ވަރަށް ގާތްވާނެ އަޅުގަނޑާ. ޖުމްހޫރީ ޕާޓީ ވެސް ވަރަށް ގާތް ވާނެ. ރައީސް ވަހީދު ވެސް ހަމަ އެހާ ގާތް އަޅުގަނޑާ. މި އޮންނަ ގުޅުން ވަރަށް މުހިންމު ކޯލިޝަނަކަށް ދާން. އަޅުގަނޑު ބޭނުން ތަސްމީން ވެސް އޮން ބޯޑް ކުރަން. އެއްވެސް ޕޮލިޓިކަލް ޕްލޭޔަރެއް އެއްލާލުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،" އުމަރު ވިދާޅުވި އެވެ. މިއީ އުމަރުގެ ވާހަކަ އެވެ. މިކަހަލަ އެތައް ވާހަކަތަކެއް ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ވެސް އިވޭނެ އެވެ. ޔާމީނަކީ ވެސް ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ. ވެރިކަން ހިންގުމުގެ ތަޖުރިބާ ހުރި، ގިނަ ދުވަސް ވީ ޕާލަމެންޓޭރިއަނެކެވެ. ދެ ބޭފުޅުންގެ ހަގީގީ ވާދަވެރިކަން ފެންނާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ