ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަކިވަކިން ވާދަކޮށްފި ނަމަ އެއްބުރުން އެމްޑީޕީ އިންތިހާބު ކާމިޔާބު ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހެންވޭރު ކޮޅުގައި ހުންނަ އުމަރުގެ "ކޮމާންޑް ސެންޓަރ"ގައި ރޭ އޭނާއަށް ތާއިދު ކުރާ ފަރާތްތަކާއި ބައްދަލު ކުރައްވާ އުމަރު ވިދާޅުވީ ފުޅާ ކޯލިޝަނަކާ ނުލައި އިންތިހާބަށް ގޮސްފިނަމަ 2008 ވަނަ އަހަރު ޑީއާރުޕީ ވެލި ކެއި ގޮތަށް ވެލިކާން ޖެހިދާނެ ކަމަށެވެ.
އެހެން ކަމުން ޕީޕީއެމްގެ ލީޑަރޝިޕައި ރައީސް ޑރ.ވަހީދަށާއި ގާސިމު އިބުރާހީމަށް ވެސް ފުޅާ ކޯލިޝަނެއް ހެދުމަށް ދަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ފުޅާ ކޯލިޝަނެއްގެ ތެރެއިން ނޫނީ މިއަދު އެމްޑީޕީ ބަލި ނުކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަހު ގާސިމު އިބުރާހީމު އަދި އަޅުގަނޑުގެ އަހު ޑރ.ވަހީދު، މިދެބޭފުޅުންގެ ދޭތެރޭގައި އަޅުގަނޑު މިދަނީ ކަނދުފަތި ކަނބަމުން. އަޅުގަނޑު މިދަނީ މިދެބޭފުޅުންގެ ދޭތެރޭގައި ވާހަކަ ދައްކާ ގުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން. އަޅުގަނޑު ދަންނަވާނީ ﷲ އިރާދަފުޅުން އެމަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އެބަދެޔޭ...." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގާސިމާއި ރައީސް ވަހީދާ ދެމެދު އެއްބަސްވެވުމަކަށް އާދެވުމުން އެކަންތައްތަކާއެކު ޕީޕީއެމްގެ ލީޑަރޝިޕާ ބައްދަލުކޮށް ދޫދޭން ޖެހޭ ކަމެއް އޮތް ނަމަ ދޫދެއްވުމަށް ދަންނަވާނެ ކަމަށެވެ.
ވަކިވަކިން ވާދަކޮށްފިނަމަ އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ