ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ: ސުޕްރީމް ކޯޓުގެ ފުރަތަމަ އަޑުއެހުން ނިމުނު އިރު ވެސް މަޖިލީހުން އަމަލުކުރަންވީ ގޮތް އަންގަވާފައި ނުވާކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުވައިލުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އިރު ވެސް، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީޙުން ޖަވާބުދާރީވާން ޖެހޭ ހައިސިއްޔަތު، މިއަދާ ހަމައަށް ވެސް ސްޕްރީމް ކޯޓުން ސާފު ކޮށްދެއްވާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އޯގަސްޓް 2010ގައި ސްޕްރީމް ކޯޓުން ފޮނުއްވާފައިވާ ސިޓީއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ދަޢުވާ ފޯމުގެ ކޮޕީ އަކާއި ޖަވާބު ހުށަހަޅާ ފޯމުގެ ކޮޕީއެއް ފޮނުއްވިކަން އަންގަވާފައިވާ ކަމަށެވެ. އަދި އޭގެ 5 ދުވަސް ފަހުން ފޮނުއްވި ސިޓީއަކުން އެލިޔުންތައް އިސްލާޙު ކުރުމަށްޓަކައި އަނބުރާ ފޮނުވައިދިނުން އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޭން ބޭނުންވާ ޖަވާބެއްވާ ނަމަ ޖަވާބު ފޯމު ފުރިހަމަކޮށް ފޮނުވައި ދިނުމަށް އެދިވަޑައިގެން ލިޔުއްވާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.އެ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ބައްދަލުކުރައްވައި އެކަމުގައި ޢަމަލު ކުރާނެ ގޮތެއްގެ ލަފާފުޅެއް ހޯއްދަވާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައިގާ ދައުވާ ލިބޭ ފަރާތަކީ ކޮބައިކަން ބަޔާންކޮށްފައި ނުވުމާ އެކު ހުށަހެޅިފައިވާ މި ދަޢުވާއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޖަވާބުދާރީ ވާން ޖެހޭ ޙަސިއްޔަތަކީ ކޮބައިކަން ސާފުކޮށްދެއްވާތޯ ސްޕްރީމް ކޯޓުގައި ދެންނެވުމަށް ޕާޓީތަކުގެ ލީޑަރުން ލަފާ ދެއްވާފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޕާޓީތަކުގެ ލީޑަރުން ދެއްވި ލަފާފުޅާ އެއްގޮތަށް 13 އޮކްޓޯބަރު 2010 ގައި ސްޕްރީމް ކޯޓުގައި އެ ވާހަކަ ދަންނަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ