ޖީއެމްއާރާއި އެއްކޮޅަށް ސިންގަޕޫރު ހައި ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްފި

ދިވެހި ސަރުކާރާއީ އެމްއޭސީއެލްގެ މައްޗަށް މިދިޔަ ހޯމަދުވަހު ސިންގަޕޫރުގެ ހައިކޯޓުން ނެރުނު އަމުރު އެ ގައުމުގެ ކޯޓު އޮފް އެޕީލްއިން ދާދި ދެންމެއަކު ބާތިލް ކޮށްފިއެވެ.
ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން މިއަދު ނެރުނު އަމުރާއި ހަވާލާދީ މިވަގުތު ސިންގަޕޫރުގައި ހުންނެވި ބަނޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެއާރޕޯޓު ނެގުމުގެ ފުރިހަމަ ބާރު ދައުލަތަށް ލިބިގެންވާ ކަމަށާއި އެއީ ދިވެހި ރާއްޖެއަށް ލިބިގެންވާ އިސްތިގުލާލީ ބާރެއް ކަމަށް އަމުރުން ކަނޑައަޅާފައިވާ ކަމަށެވެ.
މިމަހުގެ ތިންވަނަ ދުވަހު ސިންގަޕޫރު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖީއެމްއާރައި އެކު ވެފައިވާ ކޮންސެޝަން އެގްރިމެންޓަށް އަމަލު ކުރުން ހުއްޓުމަކަށް އަންނަ ފަދަ އެއްވެސް ކަމެއް އާބިޓްރޭޝަން ނިމުމުގެ ކުރިން ކޮށްގެން ނުވާނެ ކަމަށެވެ.
އެއަމުރު ނެރުމައި އެކު ދައުލަތުންވަނީ އެއަމުރު އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ދީފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމްއޭސީއެލުން އެއާރޕޯޓު ހިންގުމައި ހަވާލުވާނެ ކަމަށް ވެސް ސަރުކާރުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ