ހުކުމް ދެމިއޮތްހާ ހިނދަކު ހަމީދަށް މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

މާލޭ މުނިސިޕަލްޓީގައި މަސައްކަތްކުރެއްވި އިރު މަގާމްގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ކުށް ސާބިތުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކުރި ހުކުމް ދެމިއޮތްހާ ހިނދަކު އޭނާ އަށް މަޖިލީހަށް ހާޒިރުވެ ނުވެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކާށިދޫ ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ހަމީދުގެ ހުކުމަށް ބަދަލެއް ނައިސް ދެމިއޮތްހާ ހިނދަކު މަޖިލީހަށް ހާޒިރުވެ ވޯޓު ދިނުމުގެ ހައްގު ލިބިގެންނުވާ ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. ނަމަވެސް ހަމީދުގެ ހުކުމް އިލްތިމާސްކުރުމުގެ ހައްގު އަދި ގެއްލިގެންނުދާ ކަމަށާއި މި ހާލަތުގައި ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި އިންތިހާބެއް ބޭއްވޭނެ ޖާގައެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ހުކުމް އިއްވެވުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ ހުކުމެއް މެމްބަރެއްގެ މައްޗަށް އައިސްފި ނަމަ އެ ހުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމާއި ވޯޓު ދިނުމުގެ ހައްގު އެ މެމްބަރަކު ދޫކޮށްލަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ އ. ގައި ބުނެފައިވާ ކަމަށެވެ. އަދި މިނިވަން ޑިމޮކްރެޓިކް ގިނަ ގައުމަތުގައި ވެސް ކަންތައް އޮންނަ ގޮތަކީ އެއީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ޖިނާއީ ހުކުމެއްގައި ހުރި މެމްބަރަކު މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް އޮތުމުގެ ހަގީގީ މަގްސަދަކީ ޕާލަމެންޓުގެ ހުރުމަތްތެރި އިމުން ކުށްވެރިންނަށް ޖާގަ ނުދިނުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކުށްވެރިންނަކީ ގާނޫނީ ނިޒާމުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރުމުގެ ހައްގު ލިބިގެންވާ ބައެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާ ކަމަށެވެ. އަދި އެ ހުކުމަށް ބަދަލު އައުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މި މައްސަލަ ބެލީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ހިމެނޭ ފުލް ބެންޗުންނެވެ. އިސްމާއިލް އަބްދުލް ހަމީދު މިއަދު ސުޕްރީމް ކޯޓަށް ވެދެވަޑައިގަންނަވަނީ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ