އައްޑޫގެ ސިއްހީ ދާއިރާގެ މުވައްޒަފުންތަކަކަށް ކުށުގެ ރެކޯޑް ސާފު ކުރަން އަންގައިފި

އައްޑޫގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ ކުށުގެ ރެކޯޑް ސާފުކޮށްފައި ނެތް ކަމަށް ބުނެ، އެ މުވައްޒަފުންނަށް ކުށުގެ ރެކޯޑް ސާފުކުރަން އަންގައި އެކަމަށް މުއްދަތެއް ދީފި އެވެ. އައްޑޫގެ އަވަށްތަކުގެ ސިއްހީ މަރުކަޒުތަކާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ގާތްގަނޑަކަށް 10 ވަރަކަށް މުވައްޒަފުންނަށް ކުށުގެ ރެކޯޑް ސާފުކޮށްފައި ހުށަހެޅުމަށް އެންމެ ފުރަތަމަ އެންގީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ 29 ވަނަ ދުވަހުގެ ނިޔަލަށް ކުށުގެ ރެކޯޑް ސާފުކޮށްފައި ހުށަހަޅާ ގޮތަށެވެ. އެހެން ނަމަވެސް އެ މުއްދަތަށް އެކަން ނިންމަން ހުރި ދަތިތަކާއި މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން މުއްދަތު މިހާރު ވަނީ މި މަހުގެ 10 އަށް އިތުރުކޮށް ދީފަ އެވެ. އެޗްއާރްއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ މިއަދު ވިދާޅުވީ ކުށުގެ ރެކޯޑް ސާފު ކުރަން އެންގި މުވައްޒަފުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ހެލްތު ކޯޕަރޭޝަންގެ ދުވަސްވަރު ވަޒީފާ ދީފައި ތިބި މުވައްޒަފުންތަކެެއްގެ ތެރެެއިން ކުށުގެ ރެކޯޑް މިހާތަނަށް ސާފުކޮށްފައި ނެތް މުވައްޒަފުން ކަމަށެވެ. އެހެންވެ އެ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފު ކުރަން ހެލްތު މިނިސްޓްރީން އެންގުމުން، އެކަން މުވައްޒަފުންނަށް އެންގީ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ނަރުހުންނާއި އިދާރީ އެކިއެކި މަސައްކަތްތައް ކުރާ މުވައްޒަފުން ވެސް ހިމެނެ އެވެ. މި މައްސަލާގައި އެ މުވައްޒަފުން ވަނީ މިއީ އެ މީހުން ވަޒީީފާ އިން ވަކި ކުރަންވެގެން ކުރަމުންދާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ކުށުގެ ރެކޯޑް ސާފު ކުރަން ކުރު މުއްދަތެއް ދިނުމަކީ އޭގެ ހެއްކެއް ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. "އައްޑޫން ސީދާ ކުށުގެ ރެކޯޑް ފޯމް ފުރިހަމަ ކުރެވޭކަށް ނެތް. ކްރިމިނަލް ކޯޓުން އޭގެ ވަރަށް ބޮޑު ބައެއް އެބަ ފުރިހަމަ ކުރުވަން ޖެހޭ. އެހެންވެ މިކަމަކާ ކުއްލިއަކަށް ޖެހިގެން މާލެ ދާން ވެސް މި ޖެހުނީ،" ހުޅުމީދޫ ސިއްހީ މަރުކަޒުގެ މުވައްޒަފަކު ބުންޏެވެ. "މިހާ ދުވަސްކޮށްފައި މިކަމަކާ އުޅެން ޖެހުނީ ކީއްވެތޯ އެއީ ވެސް ބޮޑު ސުވާލެއް. އަނެއްކާ މިކަމަކީ އަޅުގަނޑުމެންގެ އިހުމާލުން ސާފު ނުވެފައި ހުރި މައުލޫމާތުތަކެއްް ނޫން. އެއީ ތަންތަނުގެ ވެރިންނަށް ތިބި މީހުންގެ ފަރުވާ ކުޑަކަމުން ވެފައި އޮތް ކަމެއް." ހަފުސާ ވިދާޅުވީ ކުށުގެ ރެކޯޑް ސާފު ކުރަން މުވައްޒަފުންނަށް އަންގައި، މުއްދަތެއް ދިން ނަމަވެސް އެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ގަބޫލް ނުުކުރެއްވޭ ކަމަށެވެ. "އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމަކަށް. މީގެ އަސްލު ބޭނުމަކީ ގަވައިދުތަކާ އެއްގޮތަށް މުވައްޒަފުންގެ ކަންތައްތައް ފުރިހަމަކޮށްފައި ބެހެއްޓުން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ